02 Aug 2017, 14:49
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކުނި އުކުމުގެ ހިދުމަތް ލިބެންދެން ވަގުތީ ހުއްދަ އަކާއެކު އަމިއްލަ އަށް ކުނި އުކޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކުނި އުކުމުގެ ގަވާއިދަށް އިއްޔެ އިން ފެށިގެން އަމަލު ކުރަން ފެށިއިރު، މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވެމްކޯގައި ރަޖިސްޓްރީނުވެ ކުނި އުކާފަރާތްތަކަށް ކަމާބެހޭ މުއައްސަސާތަކުން ނަސޭހަތްތެރިވެ ރަޖިސްޓްރީ ވުމަށް ބާރު އަޅާނެއެވެ.
އަދި 10 އިން ފެށިގެން ވެމްކޯގައި ރަޖިސްޓްރީނުވެ ކުނި އުކާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެމްކޯ އިން ބުނެއެވެ.
ވެމްކޯގެ ހިދުމަތަށް އެދި ގޭބިސީތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްދާއިރު، ވެމްކޯގެ ހެޑް އޮފީހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުން ވެސް ރަޖިސްޓްރޭޝަން ދަނީ ކުރިއަށެވެ.
އެގޮތުން މިހާތަނަށް އިންޑަސްޓްރިއަލް ވިލޭޖް އިން އެކަނި ވެސް 7000 އަށްވުރެ ގިނަ ގޭބިސީން ރަޖިސްޓްރީ ކޮށްފައިވާއިރު، އޮންލައިންކޮށް ރަޖިސްޓްރީ ކުރި ގޭބިސީތަކާއެކު އެ އަދަދު އިތުރުވާނެ ކަމަށް ވެމްކޯ އިން ބުނެއެވެ.
ވެމްކޯ އިން ބުނީ، ވެމްކޯގެ ހިދުމަތަށް އެދި ރަޖިސްޓްރީ ކުރި ނަމަވެސް، ރަޖިސްޓްރީ ކުރި ގޭބިސީއަށް ހިދުމަތް ދިނުމަށް ގާތްގަނޑަކަށް ހަ ވަރަކަށް ދުވަސް ނަގާނެ ކަމަށާއި އެ ހިދުމަތް ދިނުމާ ދެމެދު ހިނގާ ދުވަސްތަކުގައި ވެސް އަމިއްލައަށް ކުނި އުކޭނެ ކަމަށެވެ.
ނަމަވެސް އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުން ވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމް ޑީ ފުރިހަމަކޮށް ވެމްކޯގައި ރަޖިސްޓްރީ ވާންޖެހެއެވެ.
އިންޑަސްޓްރިއަލް ވިލެޖުން އެކަމަށް ރަޖިސްޓްރީ ކުރުމުން ވަގުތީ ހުއްދަ ކާޑެއް ވަގުތުން ލިބޭނެ ކަމަށާއި އެ ކާޑާއެކު ދުވާލަކު އެއް ފަހަރު ކުނި އުކުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެމްކޯ އިން ބުނެއެވެ. އަދި ބުނީ، ކޮންމެ ގޭބިސީ އަކަށް ވެސް ދޫކުރާނީ އެއް ކާޑު ކަމަށެވެ.