02 Aug 2017, 14:53
އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ފްރާންސްގެ ކުރީގެ ތަރި އަދި އެޓީމުގެ ކެޕްޓަން މާސެލް ޑެސައިލީ ގެންނަން ނިންމައިފި އެވެ.
އުރީދޫ ޕްރިމިއާ ލީގު ހުޅުވާމެޗަށް ޑެސައިލީ ގެންނަން ނިންމައިފައިވާކަން ހާމަކުރައްވަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕްރިމިއާ ލީގު ފަށާ މެޗަށް ފްރާންސްގެ ކުރީގެ ތަރި ޑެސައިލީ ގެންނަން މިހާރު ހުރިހާ ކަމެއްވެސް ހަމަޖެހިފައިވާ ކަމަށާއި އަދި އެ މުބާރަތް ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއްވެސް ބާއްވަން ނިންމާފައިވާކަމަށެވެ.
ބައްސާމް ވިދާޅުވީ ޑެސައިލީ ގެނައުމުގަޔާއި އަދި އަންނަ ހުކުރު ދުވަހު ކުރިއަށްދާ ހަރަކާތްތައް އިންތިޒާމް ކުރުމުގައި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރ ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ.
1986 ވަނަ އަހަރު ކެރިއަރު ފެށި ޑެސައިލީ ވަނީ ފްރާންސް އަށް މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައެވެ. މިހާރު އުމުރުން 48 އަހަރުގެ ޑިފެންޑަރަކީ އޭނާގެ ކެރިއަރުގައި ޑިފެންސިވް މިޑްފިލްޑަރަކަށްވެސް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި އޭނާގެ ކުލަބް ލެވެލްގެ އެންމެ ރަން ދުވަސްވަރެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ އޭސީ މިލާން އާއި ޗެލްސީގައި އޭނާ ހޭދަ ކުރި ދުވަސްތަކެވެ.
މިވަގުތު ފްރާންސްގައި ފުޓްބޯޅަ އެކަޑަމީ ހިންގަމުން އަންނަ ޑެސައިލީ އަކީ ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.
މި އަހަރުގެ ޕްރިމިއާ ލީގު ހުކުރު ދުވަހުގެ ރޭ ފަށާއިރު އެ މެޗުގައި ކުޅޭނީ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަދި މިނިވަން ޗެމްޕިއަންޝިޕްގެ ކުޑަހުވަދޫއެވެ.