ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތަށް ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކުރީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފު މިދިޔަ ޖުލައި 26ގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަތުމުގެ އެއް ދުވަސް ކުރީންނެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ނުވަތަ މެޑިކަލް ސްކޫލެއް ގާއިމް ކުރުމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ.

ރާއްޖޭގައި މެޑިސިން ކިޔަވައި ދެވިދާނެތޯ ބެލުމަށް 2013 ވަނަ އަހަރު ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ސްރީލަންކާގެ ވަފުދެއް ރާއްޖެ އައި އިރު، އޭގެ ދެ އަހަރު ފަހުން ކަމާ ބެހޭ ފަރާތްތަކާ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ބައްދަލުކޮށް މެޑިކަލް ކޮލެޖެއް ހެދުމާ ގުޅޭ ގޮތުން ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓް މެދުވެރިކޮށް ހެދި ފީސިބިލިޓީ ސްޓަޑީއެއްގެ މައްޗަށް މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދައުވަތަކަށް މިދިޔަ މަހު ރާއްޖެ ވަޑައިގަތް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޕާކިސްތާނުން އެހީތެރިވެދެއްވާނެ ކަމަށެވެ.

އަދި ޕާކިސްތާނުގައި ސިއްހީ ދާއިރާއާއި އިންޖިނިއަރިންގެ ދާއިރާގެ އިތުރުން ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭ ގޮތަށް، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް އިތުރު ސްކޮލާޝިޕްތަކެއް ދިނުމަށް ޕާކިސްތާނުން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ޝަރީފު ވިދާޅުވި އެވެ.

މި އަހަރުގެ މޭމަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ ބޭފުޅަކު ރާއްޖެ ވަޑައިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހެއްދުމާ ގުޅޭ ސާވޭއެއް ހައްދަވާފައިވާ ކަމަށެވެ. އަދި އެ ސާވޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕާކިސްތާން މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރުމަށް ޕޯސްޓް ކުރުމާއި ސިއްހީ ދާއިރާގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރުމާއި ޕާކިސްތާނުން ތަމްރީން ވުމަށް ފުރުސަތު ދެވޭ ދަރިވަރުންނަށް ހާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް މަރުހަލާތައް ވަރުގަދަ ކުރުމަށް ވެސް ޕާކިސްތާނުން ވަނީ އެހީތެރިވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ޕާކިސްތާނުން ގާއިމުކޮށްދީފައިވާ އިމާރާތެކެވެ.