21 Jul 2011, 12:18
މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމަށް އޮފީސްތަކުން ފައިސާ ޖަމާކުރަމުންދާ ގޮތް ބެލޭނެ އޮންލައިން ނިޒާމެއް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހަމަޖައްސައިފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ ޕެންޝަން ސުކީމްގައި ބައިވެރިވެފައިވާ ކޮންމެ މުވައްޒިފަކަށް ވެސް އެ މީހެއްގެ އެ ކައުންޓަށް ފައިސާ ޖަމާވޭތޯ ބެލޭނެ އިންތިޒާމް ޕެންޝަން އޮފީހުގެ ވެބްސައިޓުން ހަމަޖެހިފައިވާ ކަމަށެވެ.
ޕެންޝަން އޮފީހުގެ ރަސްމީ ވެބްސައިޓްގެ މަތީގައި މިހާރު ވަނީ އެކަމަށް ހާއްސަ ބެނާއެއް ވެސް ހިމަނައިފަ އެވެ. ކޮންމެ މުވައްޒިފެއްގެ ވެސް އައިޑީ ކާޑު ނަމްބަރާއި އުފަންތާރީހު ޖެހުމުން އެމީހެއްގެ ޕެންޝަން ފަންޑަށް ފައިސާ ޖަވާވަމުން އަންނަ ގޮތުގެ ތަފްސީލް ފެނެ އެވެ.
ސުޖާއު ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ.
"ކޮންމެ މުވައްޒިފަކަށް ވެސް އޭރުން ޔަގީންކަން އޮންނާނެ ފައިސާ ޖަމާވާ ކަމުގެ. އެޔަގީންކަން މިނިޒާމުން ލިބޭނެ،" ސުޖާއު ވިދާޅުވި އެވެ.
އަންނަ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާކޮށްފައިވާ ގޮތުގެ ސްޓޭޓްމަންޓެއް ކޮންމެ މުވައްޒިފަކަށް ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދ ވިދާޅުވީ ވަރަށް އަވަހަށް އޮންލައިންކޮށް ވެސް އެކައުންޓަށް ފައިސާ ޖަމާވެފައިވާ ގޮތުގެ ތަފްސީލްތައް ބެލޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
ޕެންޝަން ސްކީމްގައި އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 70000 ވުރެ ގިނަ މުވައްޒިފުން އެބަތިއްބެވެ.