އިސްލާމްއާބާދު (އޮގަސްޓް 2): ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ އާ ބޮޑުވަޒީރު ކަމަށް ޝާހިދު ޚަގާން އައްބާސީ އިންތިހާބުކޮށްފި އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމާ ގުޅިގެން އެގައުމުގެ ތެލާ ބެހޭ ވަޒީރު، ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފް އެމަގާމަށް އިންތިހާބު ކުރެވެންދެނެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަހުބާޒް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވޭނީ އޭނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށްވުމުންނެވެ. އަދި ކުރިއަށް އޮތް 45 ދުވަސް ތެރޭގައި އޭނާ މަޖިލިސް މެމްބަރު ކަމަށް ވާދަކުރައްވައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ވެރިކަން ކުރާ ޕާޓީން ބުންޏެވެ.

އައްބާސީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ 342 މެމްބަރުންގެ ތެރެއިން 221 މެމްބަރުން ވޯޓު ދިނެވެ. އެމަޖިލީހުގެ އަޣުލަބިއްޔަތު އޮންނަނީ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގު (ޕީއެމްއެލްއެން) އަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރުމާ ގުޅިގެން އައްބާސީ ވަނީ ނަވާޒް ޝަރީފަށް ޝުކުރު އަދާ ކުރައްވައި، ޑިމޮކްރަސީގެ މަރުހަލާތައް އަނެއްކާ ވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ބެލީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މިއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ނަމުގައި މިދިޔަ އަހަރު ކުރިން ބޭޒާރުކޮށްލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. އެހެން ނަމަވެސް ޝަރީފް ވަނީ އޭނާއާ މެދު ކުރެވުނު ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)