02 Aug 2017, 12:19
އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން ފުރަތަމަ ފަހަރަށް ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ދިވެއްސެއްގެ އަގުވަޒަންކޮށްފިއެވެ.
އައިއޭއޭއެފް އިން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި އެ އިދާރާގެ ކޮންގްރެސްގައި އަގުވަޒަންކޮށް އެ އިދާރާއިން ދެ ވެޓަރަންސް ޕިން އަރުވާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް އަދި ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އަލިމަނިކު (މައިޒާން އަލިބެ)ށެވެ.
މައިޒާން އަލިބެ އަކީ ރާއްޖޭގެ އެތްލެޓިކްސްގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އެސޯސިއޭޝަންގެ ރައީސަކަށް ހުރި އިރު ވަނީ މެޑަލް ހޯދުމަށް ހަރުދަނާ ޕްލޭނެއް ރާއްވަވާއި އެތްލެޓިކްސް ކުރިއެރުވުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރައްވާފައެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރަތެއްގައި ރާއްޖޭގެ އތްލެޓިކްސް ޓިމުން މެޑަލް ހޯދިއިރު ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސަކަށްވެސް ހުންނެވީ މައިޒާން އަލިބެއެވެ.
ރޭ ކުރިއަށްދިޔަ ކޮންގްރެސްގައި މައިޒާން އަލިބެއަށް ހާއްސަ ޝަރަފް އަރުވާފައިވާއިރު އެ ބައްދަލުވުމުގައި ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އައިއޭއޭއެފް ގެ 51 ވަނަ ކޮންގްރެސްގައި 200 ގައުމަކުން 800 އަށް ވުރެ ގިނަ ބައިވެރިންވަނީ ބައިވެރިވެފައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ކޮންގްރެސްއަށް ފަހު ލަންޑޮންގައި 2017 ވަނަ އަހަރުގެ އައިއޭއޭއެފް ވޯލްޑް ޗެމްޕިއަންޝިޕް މި މަހުގެ 4-13 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގައި 2000 އަށް ވުރެ ގިނަ އެތްލީޓޫން ބައިވެރިވާނެއެވެ.