02 Aug 2017, 11:19
ކާބުލް(އޮގަސްޓް 2): އަފްޣާނިސްތާނުގެ ހިރާތުގައި ހުންނަ ޝީއީ މިސްކިތަކަށް އިއްޔެ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 29 މީހަކު މަރާލައިފި އެވެ.
އަފްޣާން އޮފިޝަލުން ވިދާޅުވި ގޮތުގައި އެހަމަލާ ދިނުމުގައި ދެ މީހަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު އަމިއްލައަށް މަރުވެގެން ހަމަލާ ދިން އިރު ދެވަނަ މީހާ ވަނީ މިސްކިތުގައި ތިބި މީހުންނަށް ބަޑިން ހަމަލާދީފައެވެ.
ހިރާތުގެ ގަވަރުނަރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހާދިސާގައި ހަމަލާ ދިން ދެ މީހުންގެ އިތުރުން 29 މީހަކު މަރުވެފައިވެ އެވެ. އަދި 64 މީހަކު ޒަހަމްވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. އަދި މީގެ ކުރިން ޝީއީ މިސްކިތްތަކަށް ހަމަލާ ދީފައިވާ ތާލިބާނުންގެ ތަރުޖަމާނަކު ވަނީ އެހަމަލާ ކުށްވެރިކޮށްފައެވެ.
އަފްޣާނިސްތާނުގައި ޝީއީން ދިރިއުޅޭ ސަރަހައްދުތަަކަށް ދޭ ހަމަލާތައް ވަނީ ފާއިތުވި އަހަރު ތެރޭގައި އިތުރުވެފައެވެ. (ބީބީސީ)