02 Aug 2017, 10:32
މި އަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހަ ގޮތެއްގައި ޑޮލަރު ލިބޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން ހަމަޖައްސައިފި އެވެ.
އެ ކޯޕަރޭޝަނުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން ފުރާ ދުވަހު އެއާޕޯޓަށް ގޮސް ޑޮލަރު ނެގުމުގެ ބަދަލުގައި ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުން ޑޮލަރު ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ އިން ފެށިގެން ހައްޖުވެރިން ފުރަންދެން ހެނދުނު 08:30 ން މެންދުރު ފަހު 02:00 އާ ހަމައަށް ބީއެމްއެލްގެ އިސްލާމިކް ބްރާންޗުން ޑޮލަރު ދޫކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ، ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ބީއެމްއެލް އިސްލާމިކް ބްރާންޗަށް ހުށަހެޅުމުން ކޮންމެ މީހުން ގިނަވެގެން 500 ޑޮލަރު ދޫކުރާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ގިނަވެގެން ފަސް ހައްޖުވެރިއެއްގެ ޑޮލަރު ނަގައިދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ގިނަ ހައްޖުވެރީންނަށް ޑޮލަރު ނަގައިދޭންދާއިރު ކޮންމެވެސް އެއް ހައްޖުވެރިއެއް ބޭންކަށް ދާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 700 ދިވެހި ހައްޖާޖީން ސައުދީއަށް ގެންދާނެ އެވެ. އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ ފަރާތްތައް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އަަށް ވަނަ ދުވަހާއި 10 ވަނަ ދުވަހުގެ އިތުރުން 11 ވަނަ ދުވަހު އެވެ.