ވޮޝިންޓަން (އޮގަސްޓް 2): އުތުރު ކޮރެއާގައި މިހާރު އޮތް ކިމް ޖޮންގް އުންގެ ވެރިކަން ބަދަލުކުރަން އެމެރިކާ އިން މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެ އެވެ.

ޓިލާސަން އެފަދައިން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން މިދިޔަ ހުކުރު ދުވަހު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް)އެއް ޓެސްޓުކޮށް، އެ މިސައިލުން އެމެރިކާގެ ހުރިހާ ސަރަހައްދަކަށް ހަމަލާ ދެވޭނެ ކަމުގެ އިންޒާރު ދިން ފަހުންނެވެ.

ޓިލާސަން ވިދާޅުވި ގޮތުގައި އެމެރިކާ އިން އުތުރު ކޮރެއާގެ ވެރިކަން ބަދަލުކުރަން ވެސް އަދި ވެރިކަން ވައްޓާލަންވެސް މަސައްކަތް ނުކުރެ އެވެ. މީގެ އިތުރުން ދެކޮރެއާ އެއްކޮށް، އުތުރު ކޮރެއާގެ ބޯޑަރު ކައިރިއަށް އެމެރިކާގެ ސިފައިން ފޮނުވަން މަސައްކަތް ނުކުރާ ކަމަށް ޓިލާސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އުތުރު ކޮރެއާގެ ދުޝްމަނެއް ނޫން އަދި އެގައުމަށް އޮތް ނުރައްކަލެއް ވެސް ނޫން. ނަަމަވެސް އުތުރު ކޮރެއާ އިން ދަނީ އެމެރިކާ ނުރައްކަލަށް ހުށަހަޅަމުން އެހެންކަމުން އަޅުގަނޑުމެން އެއަށް ރައްދު ދޭން ޖެހޭނެ،" ޓިލާސަން ވިދާޅުވި އެވެ.

ނަމަވެސް ރިޕަބްލިކަން ސެނެޓަރު ލިންސޭ ގްރަހަމް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން އެ ގައުމުގެ މިސައިލް ޕްރޮގްރާމް ކުރިއަށްގެންދާ ނަމަ އެގައުމާއި އެމެރިކާއާ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ލަފާ ކުރައްވަ އެވެ. (ބީބީސީ)