ރައްޔިތުންގެ މަޖލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތައް މަޑުޖައްސައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.

އޭނާގެ ފަރާތުން ހައިކޯޓަށް ވަނީ، ބެލެނިވެރިކަމުގެ އިހްތިޞާޞްގެ ދަށުން ތިން ކަމެއް ކުރުމަށް ކްރިމިނަލް ކޯޓަށާއި ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅައިފަ އެވެ. އަދި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ހައިކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފާރިސްގެ ޝަރީއަތް މަޑުޖައްސައިދިނުމަށް އެދިފައިވެ އެވެ.

ފާރިސްގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ފާރިސް އަށް ކުރާ ދައުވާ އަށް ޖަވާބުދާރީވުމަށާއި ދިފާއު ތައްޔާރު ކުރުމަށް އެދިފައިވާ ހުރިހާ ހެއްކެއް ގާނޫނާ އެއްގޮތަށް ހާމަކުރުމަށާއި ދިފާއު ތައްޔާރުކުރުމަށް ލިބެން ޖެހޭ ވަސީލަތްތައް ހަމަޖެއްސުމަށް ޕީޖީގެ މައްޗަށް މެންޑާމަސް އަމުރެއް ނެރެދެއްވުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ، ކްރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ މިންގަނޑަކުން ނިންމި ނިންމުން ބާތިލުކޮށް، ދައުވާއަށް ޖަވާބުދާރީވުމަށް ލިބެން ޖެހޭ ވަސީލަތްތައް ދިނުމަށް ފަހު ދައުވާއަށް ޖަވާބުދާރީވުމުން ދައުވާ ކުރިއަށް ގެންދެވޭނެތޯ ކަނޑައެޅުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް މެންޑާމަސް އަމުރެއް ނެރެދެއްވުމަށެވެ.

އޭގެ އިތުރުން ފާރިސްގެ ފަރާތުން އެދިފައި ވަނީ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަަޔާންކުރާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައްޔާރު ކުރާ ފޯމަކުން ކަމަށް ކަނޑައަޅައި، އެގޮތަށް އަމަލު ކުރުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެދެއްވުމަށެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ކަމެއް ހުރި ނަމަ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ގާޒީ ވަނީ އަންގައިފަ އެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ކުށަކީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ދައުވާ މައްޗަށް ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.