02 Aug 2017, 10:19
އޮސްކާ އިނާމު ހާސިލްކުރި މަޝްހޫރު ފިލްމު ސްލަމް ޑޯގް މިލިއަނަރު މަތިން ހަނދާން އެބަހުރި ހެއްޔެވެ؟
އެ ފިލްމު ބެލި ނަމަ އޭގައި އުޅޭ ފަގީރު ކުދިންގެ ހާލަތު ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭނެ އެވެ. ސަލީމް އަދި ޖަމާލް އެއް ރޭލްވޭ ސްޓޭޝަނުން އަނެއް ސްޓޭޝަނަށް ދަތުރުކުރުމުގައި އެދެކުދިން ވަގަށް ނެގުމަށް ބަޔަކު މަސައްކަތް ކުރެ އެވެ. އެމީހުން އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އެ ދެކުދިންގެ ދެލޯ ނަގާށެވެ. އެއީ އެ ދެކުދިން ލައްވައި ސަލާން ޖަހުވައިގެން އެމީހާ އަށް ލާރި ލިިބޭނެތީ އެވެ. ނަަމަވެސް އެކުޑަދެކުދިންގެ ހުށިޔާރު ކަމުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
ސްލަމް ޑޯގް މިލިއަނަރ ނެރުނު ދުވަސްވަރު އެފިލްމުގައި އިންޑިއާ ތަމްސީލްކޮށްދީފައިވާ ގޮތާމެދު ވަރަށް ބޮޑަށް މައްސަލަ ހޫނުވެސް ވިއެވެ. އަމީތާބް ބައްޗަން ފަދަ މަޝްހޫރު ފަންނާނުން ވެސް އެފިލްމުގައި އިންޑިއާގެ ހަގީގީ މަންޒަރު ދައްކުވައިދީފައިވާތީ އެކަން ހަޖަމުވާގޮތެއް ނުވި އެވެ.
ދާދި ފަހުން އިނިގރޭސި ވިލާތުގެ ގާޑިއަން ނޫހުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ރޭލްވޭ ސްޓޭޝަންތަކުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ކުދިންނެއް ވަގަށް ނަގާ ކަމަށާއި އަދި އަހަރުން އަހަރަށް ބާލައިރު އެކަމަށް މާބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަލްކަތާގެ ސިއެލްޑާގެ ރެއިލްވޭސްޓެޝަނުން އެކަނި ވެސް 2011 ވަނަ އަހަރު 1584 ކުދިން ވަގަށް ނަގައިފައިވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު އެއަދަދު ވަނީ 41893 އަށް އަރައިފަ އެވެ. މިިއީ ވަރަށް ބޮޑު އިތުރުވުމެކެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްރަން އޮފް އިންޑިއާ" ހާމަކުރި ގޮތުގައި ވަގަށް ނަގާ ކުދިންގެ ތެރެއިން ހަތަރުބައި ކުޅަ އެއްބައި ކުދިން ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހުންގެ ޝިކާރައަކަށް ވެފަ އެވެ.
އިންޑިއާގައި ޜޭލް ޓާމިނަލްތަކުގައި އުޅޭ ކުދިންނަކީ އާންމުކޮށް ފަގީރުކަމުން ކާނެބޯނެގޮތެއް ނެތް ކުދިންނާއި އާއިލާގެ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ފިލައިގެން އުޅޭ ކުދިންނެވެ. ނަމަވެސް އެގޮތަށް ރޭލްޓާމިނަލްތަކަށްދާ ކުދިން ކުޑަދުވަސްކޮޅެއް ތެރޭ ވީނުވީއެއް ނޭނގި ގެއްލުމަކީ ވަރަށް އާންމު ކަމެކެވެ.