އަންނަ ސެޕްޓެމްބަރު މަހު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ސަމިޓް ރާއްޖޭގައި ބާއްވާ، ދިވެހި ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.

އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސައުތު އޭޝިއަން ޔޫތް ސަމިޓަކީ ސާކް ގައުމުތަކުގެ ޒުވާނުން އެއްތަނަކަށް އެއްވެ، އެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށް، ސައުތު އޭޝިއާގެ ގައުމުތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި ބާއްވާ ސަމިޓެކެވެ.

އޭގެ އިތުރުން، ސާކް ގައުމުތަކުގެ ޒުވާނުންނަށް އާއްމުކޮށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ޕޮލިސީ ލެވެލްގައި ހައްލުކޮށް ޒުވާނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކޮށް ގައުމުގެ ގޮތް ނިންމުމުގަ އާއި އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަކީ ވެސް އެ ސަމިޓުގެ މަގުސަދެކެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ބައްދަލުވުން ނިންމުމަށް މިރޭ ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ރަފީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސާ އާއިޝަތު ރަފިއްޔާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސައުތު އޭޝިއަން ޔޫތް ސަމިޓް ބޭއްވުމުގެ ކުރިން އެ ސަމިޓަށް ހުށަހަޅަން ބޭނުންވާ ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޕްރީ ސަމިޓްތަކެއް ވަނީ ބާއްވާފަ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖޭގައި ވެސް ވަނީ ޕްރީ ސަމިޓް ޔޫތް މީޓިންއެއް ބާއްވާފައެވެ.

އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)ގެ ޗެއާޕާސަން ޑރ. ކޭކޭ ސިންގް އާއި ޕާކިސްތާނުގެ ދެ ބޭފުޅެއްގެ އިތުރުން އައިވައިސީ ނޭޕާލުގެ ބޭފުޅެއް ބައިވެރިވެ ވަޑައިގެންނެވި އެ ޕްރީ ސަމިޓުގައި ދިވެހި ޒުވާނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ ކޮބައިކަމާ އެކަންތައްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.

ޕްރީ ސަމިޓް ބައްދަލުވުމަށް ރާއްޖެ ވަޑައިގެން ބޭރުގެ ވަފުދާއި ސޭސްގައި ބައިވެރިވާ ބައެއް ޒުވާނުން ވަނީ ރާއްޖޭގައި ހުރި އެމްބަސީތަކުގެ ސަފީރުންނާއި ރާއްޖޭގައި ދިރިއުޅޭ ސާކްގެ އެހެން ގައުމުތަކުގެ ޒުވާނުންނާ ބައްދަލުކޮށް ސާކް ސަރަހައްދުގައި ޒުވާނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ބައްދަލުވުން ނިންމުމަށް މިރޭ ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މަޝްވަރާތަކާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އައިވައިސީގެ ޗެއާޕާސަން ޑރ. ކޭކޭ ސިންގް ވިދާޅުވީ، ދިވެހި ޒުވާނުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވީ ވަޒީފާ ނުލިބުމުގެ މައްސަަލަ ކަމަށާއި އެއީ ސާކްގެ ގިނަ ގައުމުތަކަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށާއި ކަނޑުތަކަށް ލިބެމުންދާ ގެއްލުންތަކާއި ދިވެހި ޒުވާނުން މަސްތުވާތަކެތީގައި ޖެހި އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ފެތުރެމުންދާ ކަމުގެ ކަންބޮޑުވުންތައް ވެސް ޒުވާނުން ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ކޭކޭ ވިދާޅުވި ގޮތުގައި، ޒުވާނުން ހުށަހަޅާ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ސައުތު އޭޝިިއަން ޔޫތް ސަމިޓުގެ ތެރެއިން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ބައްދަލުވުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވި އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)ގެ ޗެއާޕާސަން ޑރ. ކޭކޭ ސިންގް ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން ސަރުކާރާގެ ޔޫތް މިނިސްޓަރުންނާއި ޒުވާނުންނާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެގެން ބާއްވާ ކޮންފަރެންސްތަކާ ޕެނަލް ޑިސްކަޝަންތަކުގައި ޒުވާނުންގެ ޝަކުވާތަކާ ގޮންޖެހުންތައް ހުށަހެޅި ބަހުސް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ދިވެހި ޒުވާނުން ބައިވެރި ވަނީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތް (ރަފީ) ޖަމިއްޔާގެ އިތުރުން ޖޭސީއައި މޯލްޑިވްސް އިން ގުޅިގެންނެވެ. އެގޮތުން ރާއްޖޭން އެކަނިވެސް 40 ޒުވާނުން އެ ސަމިޓުގައި ބައިވެރިވާނެއެވެ.

ރާއްޖޭގައި ބޭއްވި ޕްރީ ބައްދަލުވުމާ ގުޅޭ ގޮތުން ސާކް ޔޫތް ސަމިޓުގެ ދިވެހި އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ އަދި ރަފީ ޖަމިއްޔާގެ ފައުންޑާ އަދި ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ، ސާކްގެ އަށް ގައުމުގެ ތެރެއިން ރާއްޖޭގައި ޕްރީ ސަމިޓް ބޭއްވުމަކީ ރާއްޖޭގެ ޒުވާނުންނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ބައްދަލުވުން ނިންމުމަށް މިރޭ ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި އިންޑިއާގައި އަންނަ މަހު ބާއްވާ ޔޫތް ސަމިޓުން ދިވެހި ޒުވާނުންނަށް މުހިއްމު ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ ކުރިއެރުމަށާއި މުސްތަގްބަލަށް އޭޝިއާގެ ކަންތައްތައް ކުރިއެރުވަށް ޒުވާނުންގެ ރޯލު މުހިއްމުކަން އެނގިގެންދާނެ. ގެވެށި އަނިޔާ އާއި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ސިޔާސީ ގޮތުން ކުރިއަށްދާން ކުރެވިދާނެ ކަންކަން ވެސް އެނގިގެންދާނެ،" ސަން އަށް ރަފިއްޔާ ވިދާޅުވިއެވެ.

ސާކް ސަރަހައްދުގެ ގައުމުތަކަށް ދިމާވަމުންދާ މުހިއްމު މަައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިދާނެ ސައުތު އޭޝިއަން ޔޫތު ސަމިޓުގައި 380 ޒުވާނުން ބައިވެރިވާއިރު އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ، ޖަޕާން، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަނުން ބައިވެރިވެއެވެ.