01 Aug 2017, 23:01
ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެން އަރީފާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މާދަމާ 3:30 ގައި އަލީ ނިޒާރު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާއިރު ރުކުމާއަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ މާދަމާ ރޭ 8:15 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އަދި އަރީފަށް އަންގާފައި ވަނީ 9:15 އަށް ހާޒިރުވުމަށެވެ.
އެ ތިން މެންބަރުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު މިއަދު ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
އެ ދެ މެންބަރުންގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނަށް ވެސް ވަނީ ފުލުހުންގެ ސަފުތައް ފަޅާލައި ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރު ވުމަށް މީގެ ކުރިން ޗިޓް ފޮނުވާފަ އެވެ. އޭނާ ހާޒިރު ކުރަނީ މާދަމާ މެންރުފަހު 3:30 އަށެވެ.
އިދިކޮޅު މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ފުލުހުންގެ ސަފު ފަޅާލައި މަޖިލީހުގެ އެތެރެއަށް ވަތް މައްސަލާގައި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން މިދިޔަ ހަފްތާގައި ވެސް ވަނީ ބައެއް މަޖިލިސް މެމްބަރުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެ މެމްބަރުންނަކީ ހިންނަވަރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހުއެވެ.