01 Aug 2017, 21:15
އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ ދޫކޮށް، ޖީސަސް ނަވާސް އަލުން ސްޕެއިންގެ ސެވިއްޔާއާ ގުޅިއްޖެއެވެ.
ސްޕެއިން ވިންގާ ނަވާސް، ސިޓީން ސެވިއްޔާއާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އަލުން ސެވިއްޔާއާ ގުޅިފައިވަނީ އެ ކްލަބު ދޫކޮށް ސިޓީއާ ގުޅުނުތާ ހަތަރު އަހަރަށްފަހުއެވެ.
މީގެ ހަތަރު އަހަރު ކުރިން ސެވިއްޔާއިން ސިޓީއަށް 15 މިލިއަން ޕައުންޑްގެ އަގަކަށް ނަވާސް ވިއްކާލި ނަމަވެސް، ސެވިއްޔާއިން އޭނާ ގެންގޮސްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނަވާސް އަލުން ސެވިއްޔާއާ ގުޅުނުކަން ސޯޝަލް މީޑިއާ ވީޑިއޯއަކުން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަވާސްގެ ސީނިއާ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ ވެސް ސެވިއްޔާއިންނެވެ. އޭނާ ވަނީ ސެވިއްޔާގެ ޔޫތު އެކަޑަމީން ގްރެޖުއޭޓްވެ، އެ ކްލަބުގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. ސެވިއްޔާގެ ސީނިއާ ޓީމުގައި ދިހަ އަހަރު ދުވަހު ހޭދަކޮށް، އޭނާ އެ ޓީމަށް 400 އެއްހާ މެޗު ކުޅެފައިވެއެވެ.
އުމުރުން 31 އަހަރުގެ ނަވާސް ވަނީ ސެވިއްޔާގައި ކުރިން ދައްކަމުންދިޔަ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ދީފައެވެ. އެގޮތުން އޭނާ ވަނީ ވޯލްޑް ކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ސްކޮޑުގައި ހިމެނިފައެވެ.
ސިޓީގައި ނަވާސް ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ކަމުގައިވިޔަސް، އެ ކްލަބާއެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ނަވާސް ވަނީ ސިޓީއަށް 183 މެޗު ކުޅެ، އަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.