01 Aug 2017, 21:20
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެއާ ގުޅޭ ގޮތުން މީގެ އަށް އަހަރު ކުރިން ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.
ތީމުގޭގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް މައުމޫނުގެ ބަޔާނެއް ނަގާފައި މި ވަނީ އެމަނިކުފާނުގެ އޮފީހަށް މިއަދު އޭސީސީގެ ޓީމެއް ގޮސްގެންނެވެ.
އެ ރިޕޯޓްގައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވާފައިވާ ކަމަށެވެ.
ރައީސް މައުމޫނަށް ރައްޔިތުން ކުރި އިތުބާރަށް އެމަނިކުފާނު ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ނައީމް ފާހަގަ ކުރައްވާފައިވެ އެވެ.
އެގޮތުން ވަކި ބަޔަކަށް ނުވަތަ އަމިއްލަ ފައިދާއަށް ރައީސް މައުމޫން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން އަމިއްލަ ކަންތައްތަކަށާއި އާއިލީ ކަންކަމަށާއި ގާތްތިމާގެ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން މައުމޫން ކުރެއްވި ހަރަދުތައް އެމަނިކުފާނުގެ އަތްޕުޅުން ހޯއްދަވަން ޖެހޭނެ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އާންމުު ކުރެއްވި އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތީމުގެއަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ.
އެ ރިޕޯޓުގައި 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ހިންގާފައިވާ ހަރަދުތަކަށް ހިމަނާފައިވެ އެވެ. އަދި 2002 ވަނަ އަހަރު ރައީސް މައުމޫން ބައްލަވައިގަތް ލޯންޗުގެ ހަރަދުތަކަށް ވެސް އެ އޮޑިޓުގައި ބަލާލާފައިވެ އެވެ.
މައުމޫނުގެ އަރިހަށް ވަޑައިގެން އޭސީސީން ބަޔާނެއް ނަގާފައިވާއިރު މީގެ ކުރިން މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭސީސީގެ އޮފިޝަލުން އެމަނިކުފާނު އަރިހަށް ވަޑައިގެން ސުވާލު ދެންނެވުމުގެ ބަދަލުގައި ބޭނުންފުޅުވެވަޑައިގަންނަވަނީ އޭސީސީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށް ބުނެ ސިޓީއެއް ވެސް ފޮނުވާފަ އެވެ.