ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު މާލޭގައި ހިނގާ ސިލްސިލާ މާރީމާރީތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ މަރަށް މަރުހިފުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަން ހުއްޓިފައި ނުވާ ކަމަށެވެ.

"..މަރަށް މަރުހިފުމުގެ ކަންކަން ސަރުކާރުން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަވާ. މިކަމަމީ އަޅުގަނޑުމެނަށް އެކަމުގެ މައުލޫމާތު ދުވާލަކު އެއްފަހަރު ހާމަކުރަން ފަސޭހަ ކަންކަމެއް ނޫން. އެކަމަށް ގާއިމް ކުރަން ޖެހޭ ނިޒާމް ގާއިމްކޮށް މި ހުރިހާ ކަމެއް ކުރުމުގެ މަސަތްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ދޭ. އެ މަސަތްކަތައް އެއްވެސް މަޑުޖެހުމެއް ނާދޭ،" އަޒްލީން ވިދާޅުވި އެވެ.

މި ފަހުން ރާއްޖޭގައި ހިނގާފައިވާ އަނިޔާވެރި މަރުތަކަށް އިޝާރަތްކުރައްވާ އަޒްލީން ވިދާޅުވީ އެ މަރުތަކަށް އިންސާފް ހޯދައި ދިނުމަށް މަރަށްމަރު ހިފުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ބައިނަލަޣްވާމީ ބައެއް ފަރާތްތަކާއި ދިވެހިންގެ ތެރެއިން މަދު ބަޔަކު ފާޑުކީ ނަމަވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަރުގެ ހުކުމް ތަންފީޒްކުރުމަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ކީރިތި ގުރުއާނާ ސުންނަތުން އަދި ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެނގެން ހުރި ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މަރަށް މަރުހިފުން އެބަޖެހޭ. މިކަން ކުރުމަށްޓަކައި ރައީސް ޔާމީން އެ ވަނީ ވަރަށް ބޮޑަށް މިކަމުގައި ކުރި ހޯދަވައި ވަރަށް ބޮޑަށް މީގެ މަސަތްކަތްތައް ކުރިއަށް ގެންދަވާފައި. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅަގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މަރަށް މަރު ތަންފީޒު ކުރެވިގެން ދާނެ،" އަޒްލީން ވިދާޅުވިއެވެ.

މަރަށް މަރުހިފުމުގެ މަރުހަލާތައް ރައްޔިތުންގެ މެދުގައި އޮޅުވާލެވިފައިވާކަން ފާހަގަކޮށް އަޒްލީން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު މަރަށް މަރު ހިފުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"މަރަށް މަރުހިފުމުގެ ކަންކަމަކީ އެ ހުރިހާ އިޖުރާއަތްތައް ހަމަވެގެން އެކަން ސާފުވާ މިންވަރަށް ހުރިހާ ކަމެއް ސާފުވެ ނިމިގެން ކުރަންޖެހޭ ކަންތައްތަކެއްކޮށް ނިމުމުން މަރަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ،" އަޖްލީން ވިދާޅުވިއެވެ.

މަރަށް މަރު ހިފުން ލަސްވެގެން އުޅޭ ސަބަބާ ގުޅޭ ގޮތުން އަޒްލީން ވިދާޅުވީ އެކަމަކީ މީގެ 60 އަހަރު ފަހުން އަނެއްކާ ވެސް އަލަށް ކުރަން އުޅޭ ކަމެއް ކަމަށާއި ޓެކްނިކަލީ ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެސް ހުރުމުން ލަސް ވަނީ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނެ ހާއްސަތަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ތިން މީހަކު މެރުމަށް ދަށު ކޯޓުން ކުރި ހުކުމްތައް ދަމަހައްޓާފަ އެވެ.

ޝަރުއީ މަރުހަލާގެ އެންމެ ފަހު ހުކުމް ކުރާ ސުޕްރީމް ކޯޓުން މެރުމަށް ހުކުމްކޮށްފައި ވަނީ ޑރ. އަފްރާޝީމް މަރާލުމުގައި ބައިވެރިވި ހ. ލޮބީ ހުސައިން ހުމަމާއި ގާނޫނީ ވަކީލެއް ކަމަށްވާ އަހުމަދު ނަޖީބު މަރާލުމުގައި ބައިވެރިވި މ. މަސްރޫރާ އަހްމަދު މުއްރަތާއި 2009 ވަނަ އަހަރު މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ޒުވާނަކު މަރާލިކަން ސާބިތުވި ގ. ރީފް މުހައްމަދު ނަބީލުގެ މައްޗަށެވެ.