މިދިޔަ ޖޫން މަހުގެ މުސާރަ ނުލިބިގެން ހއ. އަލިދޫ ރިޒޯޓްގެ މުވައްޒަފުންގެ 150 ވަރަކަށް މީހުން މުޒާހަރާކުރަމުން އެބަދެ އެވެ.

އަލިދޫ ރިޒޯޓުން ވާހަކަ ދެއްކި ނަން ހާމަ ނުކުރާ މުވައްޒަފަކު މިއަދު ބުނީ މުސާރަ ނުލިބިގެން އެކަމާ ހިތްހަމަނުޖެހިގެން އުޅެން ފެށުމުން ރިޒޯޓްގެ މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނާ ބައްދަލުކުރި ނަމަވެސް މުސާރަ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއްކޮށްފައި ނުވާ ކަމަށެވެ.

"އަލިދޫ ރިޒޯޓްގެ މުވައްޒަފުންގެ ތެރެއިން ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ތިން މަސް ދުވަސް ވެއްޖެ. ދިވެހި މުވައްޒަފުންނަށް ނުލިބި ވަނީ މިދިޔަ މަހުގެ މުސާރަ. އަޅުގަނޑުމެން ގާތްގަނޑަކަށް 100 މުވައްޒަފުންނާއި ބިދޭސީ 50 މުވައްޒަފުން މިހާރު މިދަނީ ސްޓާފް އޭރިއާގައި މުޒާހަރާ ކުރަމުން،" އަލިދޫ ރިޒޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި "މުޒާހަރާއެއް ކޮށްފި ނަމަ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ" ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ.

"އިއްޔެ މެނޭޖްމަންޓުން އަޅުގަނޑުމެންނާ ބައްދަލު ކުރި، ނަމަވެސް މުސާރަދޭނެ ދުވަހެއްގެ ވާހަކައެއް ނުބުނޭ. ބުނީ މުޒާހަރާކޮށްފި ނަމަ ވަޒީފާ އިން ވަކިކުރެވިދާނެއޭ،" އަލިދޫ ރިޒޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަލިދޫ ރިސޯޓްގައި ކުރާ މުޒާހަރާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އަލިދޫ ރިޒޯޓްގެ މެނޭޖްމަންޓާ ގުޅުމަށް ކުރި މަސައްކަތުން މައުލޫމާތު ދެއްވާނެ ބޭފުޅަކާ ގުޅޭގޮތް ވަނީ ނުވެފަ އެވެ.