މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި ރައްޔިތުން ކަންބޮޑު ނުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.

މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ އެކު ދެ ޒުވާނަކު މަރުވެފައިވާ ވަނިކޮށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ފުލުހުންގެ ކިބައިގައި މާރާމާރީ ހުއްޓުވައި އަމާންކަން ގާއިމް ކުރުމުގެ ކުޅަދާނަ ކަން އެބަ ހުރި ކަމަށާއި އަމަން ނަގާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނެދޭނެ ކަމަށެވެ.

ރައްޔިތުންގެ ތެރޭގައި މިކަމުގެ ކަންބޮޑުވުން ގެންގުޅޭނެ ކަމެއް ނެތް. ދެ މަރާ ގުޅިގެން މިހާރު ވެސް ވަނީ 20 މީހުން ހައްޔަރުކުރެވިފައި،މިނިސްޓަރު އަޒްލީން

"ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާ އެކު އުޅެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭނެ. ރައްޔިތުންގެ ތެރޭގައި މިކަމުގެ ކަންބޮޑުވުން ގެންގުޅޭނެ ކަމެއް ނެތް. ދެ މަރާ ގުޅިގެން މިހާރު ވެސް ވަނީ 20 އަކަށް މީހުން ހައްޔަރުކުރެވިފައި،" އަޒްލީން ވިދާޅުވިއެވެ.

މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކަމެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި އަޒްލީން ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފި ކަމަށާއި އޭގެ ތެރޭގައި ފުލުހުންނަށް އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި ސިފައިންގެ އެހީތެރިކަން ލިބޭނެ ގޮތް ވެސް އެމަނިކުފާނު ހަމަޖައްސުވައިދެއްވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ ރައްކާތެރިކަން އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަރުގަދައަށް އަޅައި އެކަމަށް ކުރަންޖެހޭ ހުރިހާ މަސަތްކަތްތަކެއް ކުރުމަށް ރައީސް ވަނީ އަންގަވާފައި. އުންމީދު ކުރަނީ ކުރިއަށް މިއޮތް ތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅި ދާއިމަށް އެކީ އެކަށްޗަކަށް އަޅުގަނޑުމެނަށް ހުއްޓުމަކަށް ގެނެވޭނެ ކަމަށް،" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ މިހާރު މިހިނގާ ކަންކަމާ މެދު އެންމެ ބޮޑަށް ކަންބޮޑު ވާން ޖެހޭނީ ސިޔާސީ ފަރާތްތަކުން ކަމަށެވެ. ނަމަވެސް އެ މާރާމާރީތަކާއި ސިޔާސީ ފަރާތްތަކާއި ސީދާ ގުޅުމެއްވާކަން އަދި ކަށަވަރު ކުރެވިވިފައި ނުވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

"ސަޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުންނަށް ރައްޔިތުންގެ ހައްގުގައި ޑިމޮކްރެސީއެއްގެ ތެރެއިން ލިބިވަޑައިގެންނަވާ ހައްގެއް ކަމަށް ވިދާޅުވެ ހައްގުތައް ހޯއްދަވާ ފަރާތްތަކުން މިކުރައްވާ ކަންތައްތަކާ ގުޅިގެން މިފަދަ ކަންތައްތައް އަންނަ ކަމުގައިވަނީ ނަމަ އެބޭފުޅުންގެ ހަރަކާތްތައް ތަންކޮޅެއް ރަނގަޅައް އެބަޖެހިވަޑައިގަންނަވާ ތަރުތީބް ކުރައްވަން،" އަޒްލީން ވިދާޅުވި އެވެ.

މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގާމުންދާއިރު މި ހަފްތާގެ ތެރޭގައި ދެ ޒުވާނުން މަރާލާފައިވާ އިރު ފަސް މާރާމާރީއެއް ވަނީ ހިންގައިފަ އެވެ. އެމާރާމާރީތަކުގައި ހަތް މީހަކު ޒަހަމްކޮށްލާފައިވެ އެވެ.