ލިވަޕޫލްގެ ބްރެޒިލިއަން ޕްލޭމޭކަރ ފިލިޕޭ ކޫޓީނިއޯގެ ޓްރާންސްފަރ ފީއަކަށް 100 މިލިއަން ޔޫރޯ ހުށަހެޅުމުންވެސް ލިވަޕޫލުން ނޫނެކޭ ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލިވަޕޫލުން އަދި ވެސް ނިންމާފައި އޮތީ، އެންމެ ފުރަތަމަވެސް އެ ކްލަބުން ހާމަކުރި ފަދައިން ކޫޓީނިއޯ ނުވިއްކާ ގޮތަށެވެ.

ބާސާއިން މީގެ ކުރީން 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހެޅުމުންވެސް ލިވަޕޫލުން ވަނީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ކަމަށްވާ ކޫޓީނިއޯ ނުވިއްކާނޭ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގައި، ބާސާގެ ރައީސް ޖޯޒެޕް ބާޓޮމެއު ވިދާޅުވެފައި ވަނީ، ކޫޓީނިއޯ ހޯދަން އެ ކްލަބުން ކުރާ މަސައްކަތް އަދި ހުއްޓައި ނުލާނޭ ކަމަށެވެ.

ފްލޮރިޑާގެ މިއާމީގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު ޕްރިސީޒަން ފްރެންޑްލީ މެޗުގެ ކުރީން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބާޓޮމެއު ވިދާޅުވީ، ކޫޓީނިއޯ އަކީ އަދިވެސް ލިވަޕޫލް ކުޅުންތެރިއެއް ކަމަށާއި އަދި ބާސާއިން ލިވަޕޫލަށް ވަރަށް ބޮޑަށް އިހްތިރާމްކުރާ ކަމަށެވެ. އެހެން ނަމަވެސް، ކުޅުންތެރީން ހޯދުމަށް ބާސާއިން ކުރާ މަސައްކަތް ހުއްޓައި ނުލާނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާނގައި ވަރަށް ގިނަ ކުޅުންތެރީން ބާސާއާ ގުޅޭނެ،" ބާސާގެ ރައީސް ވިދާޅުވިއެވެ.