ލ. ފޮނަދޫގައި ތޫނުއެއްޗަކުން ހަމަލާދީ ބަންގުލަދޭޝް މީހަކު މަރާލި މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކޮށް ޝަރީއަތަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އަށް މީހުންނަކީ ވެސް ބަނގުލަދޭޝް މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާއި، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފޮނަދޫގައި އެ ބިދޭސީ މީހާ މަރާލާފައި އޮއްވާ ފެނިފައި ވަނީ، މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.

އެނގިފައިވާ ގޮތުގައި މަރާލާފައިވާ ބިދޭސީ މީހާއަކީ، އުމުރުން 27 އަހަރުގެ ހަސަން ނަމަކަށް ކިޔާ މީހެކެވެ. އެމީހާ ފޮނަދޫގައި މަސައްކަތްކުރާން އުޅޭތާ ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރު ވެދާނެއެވެ.