01 Aug 2017, 19:12
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އެއް ކުންފުނީގެ އެވޯޑު ލިބިއްޖެއެވެ.
އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ދޭ "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑު" ބީއެމްއެލްއަށް ލިބުނީ މިއަދު ހެނދުނު، ސިންގަޕޫރުގައި ކުރިޔަށް ދިޔަ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްގައެވެ.
ބީއެމްއެލްއަށް މި އެވޯޑު ލިބުނީ، ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އެވޯޑާ ހަވާލުވެލެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލްގެ ހެޑް އޮފް އެޗްއާރު އަހްމަދު އިބްރާހީމެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި އެވޯޑު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބީއެމްއެލްގެ 99 ޕަސަންޓު މުވައްޒަފުންނަކީ ދިވެހީންނެވެ. އަދި އެ ބޭންކުން ދަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާކޮށް، މުވައްޒަފުންނާ ބެހޭގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތަކެއް އެކުލަވާލަމުންނެވެ.
އެގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުން އަދި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ކަންކަމަށް ފާހަގަކޮށްލެވޭވަރުގެ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.