އަގުހެޔޮކޮށް ތަކެތި ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ "ޕްރީއޯޑަރ" ޕޭޖުގެ ވެރިޔާ މޫސާ ނަހުސަމް ނަސީމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވީ، ފައިސާ ހޯދުމަށްފަހު މުދާ ފޯރުކޮށްދޭނެ ކަމަށް ބުނެ ފައިސާ އަތުލާފައިވާ މައްސަލައާ ގުޅިގެން ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ޝިކާރައަކަށްވި 81 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހަ މީހަކަށް ނަހުޒަމް ނަސީމް ވަނީ ފައިސާ ދައްކާފައިވާ ކަމަށް ބިޝާމް ވިދާޅުވި އެވެ. އެހެން ކަމުން ދައުވާ އުފުލާފައި ވަނީ ޝިކާރައަކަށްވި 81 މީހުންގެ ތެރެއިން 75 މީހުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، އެ 75 މީހުންގެ ޝަކުވާއަށް ބިނާކޮށް ދައުވާކޮށްފައި ވަނީ ޖުމްލަ ފައިސާގެ އަދަދު ހަ ލައްކަ ރުފިޔާއާ ގުޅޭ ދައުވާ ކަމަށެވެ.

ޕްރީއޯޑާގެ ނަމުގައި ފޭސްބުކްގައި ހިންގާ އެ ފޭސްބުކް ޕޭޖުން އެންމެ ފަހުގެ ފޯނުތަކާއެކި އެކިއެކި ފޯނާއި ގުޅުންހުރިތަކެތި ވަރަށް އަގުހެޔޮކޮށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. ފައިސާ ދައްކާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަކެތި ގެނެސްދޭނެ ކަމަށް އެޕޭޖުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ޕޭޖު މެދުވެރިކޮށް މުދާ ގެނައުމަށް ފައިސާ ހޯދުމަށްފަހު އެ ޕޭޖު ހިންގާ މީހާގެ ޚަބަރެއް ނުވެ އެވެ.