ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އަޑުއެހުންތައް އެކަން މުރާޖާ ކޮށްދިނުމަށް ގާސިމްގެ ފަރާތުން ކޯޓުގައި އެދިއްޖެ އެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑު އެހުން ނިންމާލުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، ގާސިމްގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދާތީ އެކަން މުރާޖާކޮށްދިނުމަށް އެދުނީ ދައުލަތުންވެސް ޝަރީއަތް ސިއްރުކޮށްދިނުމަށް އެދިފައި ނުވާތީ ކަމަށެވެ.

"(މުރާޖާ ކޮށްދިނުމަށް) އެދުނު އެއް ސަބަބަކީ އަޅުގަނޑުމެން ސުވާލު ކުރުމުން ދައުލަތުންވެސް ވިދާޅުވީ، ދައުލަތުން ޝަރީއަތުގެ މަޖިލީސް ސިއްރު ކުރަން އެދިފައި ނުވާނެ ކަމަށް. އަދި ހުދު ޝަރީއަތުގެ މަޖިލީހުންވެސް ވިދާޅުވި، އެ ނިންމެވުމަކީ ޝަރީއަތުގެ މަޖިލީހުން ނިންމެވި ނިންމެވުމެކޭ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނު އަސާސީއާއި ޖިނާއީ އިޖުރާތުގެ ގާނޫނުންވެސް ހުޅުވާލައިގެން ޝަރީއަތް ހިންގުމަކީ ކޮންމެ މީހަކަށްވެސް ލިބިދީފައިވާ އަސާސި ހައްގެއް ކަމަށާއި، އެއީ ސިއްރު ކުރި ކުރުން މުރާޖާ ކުރުމަށް އެދުނު ސަބަބެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، އެކަމަށް އެދުމުން ގާޒީ ވަނީ އެ ނިންމުން މުރާޖާކޮށް ގޮތެއް ނިންމުމަށްފަހު ނިންމަވާ ގޮތެއް އަންގާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ޝަރީއަތް ނިންމާލި އިރުވެސް ނިންމި ގޮތެއް ވިދާޅުނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން ގާސިމްގެ މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން އެދިފަވޭތޯ ސުވާލުކޮށްފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން އެ މައްސަލަ އަވަސްކޮށްދިނުމަށް އެދިފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށް ހިސާން ވިދާޅުވި އެވެ.

"އެބޭފުޅުން (ދައުލަތުން) ވިދާޅުވީ، އެ ބޭފުޅުން އެގޮތަށް އެދިފައި ނުވާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން އޮންނާނީ ދައުވާ ލިބޭ ފަރާތަށްވެސް ހިމާޔަތްވާ ގޮތަށް މައްސަލަ ތާވަލުކޮށް ރަސްމީ ދުވަސް ދުވަހު ރަސްމީ ގަޑީގަ މައްސަލަ ކުރިއަށް ގެންގޮސް ދެއްވުމަށް އެދިފައި،" ހިސާން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި އިޖުރާއީ ގޮތުން ސާފުކުރަން ބޭނުންވާ ނުކުތާތަކަކާއި، ޖިނާއީ އިޖުރާތުގެ ދަށުން ދައުވާ ލިބޭ ފަރާތްތަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް އެދި ނުކުތާތަކެއް ހުށަހަޅާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ. އެހެން ނަމަވެސް ސިއްރުކޮށް ކުރިއަށް ގެންދިޔަ މަޖިލީހަކަށް ވުމުން އިތުރު ތަފްސީލެއް ހިސާން ހާމައެއް ނުކުރައްވަ އެެވެ.