21 Jul 2011, 10:06
ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ 17 ވަނަ މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތް އިއްޔެ ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި އިއްޔެ ފެށި މުބާރާތުގައި ޖުމްލަ ހަ މެޗެއް ވަނީ ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗްގައި ބައްދަލު ކުރި ދެ ޓީމަކީ 14 އަހަރުން ދަށުގެ ބައިން ވާދަކުރާ ފިރިހެން ކުދިންގެ މެޗެވެ. ގިޔާސުއްދީނާ ވާދަކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބު ކުރީ ކަލާފާން ސުކޫލެވެ. ފުރަތަމަ ސެޓް 25-15 އިން ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓް ކަލާފާނުން ކާމިޔާބު ކުރީ 25-21 އިން ނެވެ. މެޗް މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކަލާފާން ސުކޫލްގެ ނަސާތު ނަސީމެވެ.
މިއުމުރުފުރާގައި އިއްޔެ ކުޅުނު ދެވަނަ ފިރިހެން ކުދިންގެ މެޗް މުހިއްޔުއްދީނާ ވާދަކޮށް ތާޖުއްދީނުން ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުން ނެވެ. މެޗްގެ ފުރަތަމަ ސެޓް 25-11 ކާމިޔާބު ކުރި އިރު، ދެ ވަނަ ސެޓް ތާޖުއްދީނުން ކާމިޔާބު ކުރީ 25-17 އިން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އިޖާބަތެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އިއްޔެ ކުޅުނު ފުރަތަމަ މެޗް ގިޔާސުއްދީނާ ވާދަކޮށް، މުހިއްޔުއްދީނުން ކާމިޔާބު ކުރީ ސީދާ ދެ ސެޓުން ނެވެ. ފުރަތަމަ ސެޓް 25-11 އިން ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓް މުހިއްޔުއްދީނުން ކާމިޔާބު ކުރީ 25-12 އިން ނެވެ.
މި އުމުރުފުރާގައި އިއްޔެ ކުޅުނު ދެ ވަނަ އަންހެން ކުދިންގެ މެޗް ގިޔާސުއްދީނާ ވާދަކޮށް ކަލާފާނުން ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުން ނެވެ. މެޗްގެ ސެޓްތައް ކަލާފާނުން ކާމިޔާބުކޮށްފައި ވަނީ 25-11 އަދި 25-17 އިން ނެވެ.
މީގެ އިތުރުން މިމުބާރާތުގައި އިއްޔެ ވަނީ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރާ އަންހެން ކުދިންގެ މެޗަކާއި ފިރިހެން ކުދިންގެ މެޗެއް ވެސް ކުޅެފަ އެވެ. އެގޮތުން އަންހެން ކުދިންގެ މެޗް އަމީނިއްޔާ އިން ކާމިޔާބު ކުރީ މުހިއްޔުއްދީން ސުކޫލާއި ބައްދަލުކޮށް ސީދާ ދެ ސެޓުން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަމީނިއްޔާ ސުކޫލްގެ އާމިނަތު ރާނިޔާ އެވެ. މިބައިގެ ފިރެހެން ކުދިންގެ މެޗްގައި އިއްޔެ މުހިއްޔުއްދީން ސުކޫލާއި ބައްދަލުކޮށް ދަރުމަވަން ތައިން މެޗް ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުން ނެވެ. ފުރަތަމަ ސެޓް 25-12 އިން ކާމިޔާބު ކުރި އިރު، ދެ ވަނަ ސެޓް ދަރުމަވަންތައިން ކާމިޔާބުކުރީ 25-19 އިން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ދަރުމަވަންތަ ސުކޫލްގެ އުގައިލް ޔޫސުފެވެ.
މިމުބާރާތުގައި މިއަދު ވެސް 14 އަހަރުން ދަށުގެ ބައިންވާދަކުރާ އަންހެން ކުދިންގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗްގައި މުހިއްޔުއްދީނާ ދެކޮޅަށް ނިކުންނަނީ ގިޔާސުއްދީން ސުކޫލެވެ. އަދި ދެ ވަނަ މެޗްގައި ޖަމާލުއްދީން ސުކޫލާއި ދެކޮޅަށް ނިކުންނަނީ ލާލޭ އިންޓަނޭޝަނަލް ސުކޫލެވެ. މި ދެމެޗް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 2:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގަ އެވެ.
ސޯޅަ ސްކޫލަކުން ޖުމަލް 28 ޓީމް ވާދަ ކުރާ މުބާރާތް ތިން އުމުރުފުރައަކަށް ބަހާލާފައި ވާއިރު، އެ އުމުރު ފުރާތަކަކީ ފިރިހެން އަދި އަންހެން ދެބައި އެކޮށް ވާދަކުރާ، 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ފަސް ޓީމް ވާދަކުރާ އިރު، އަންހެން ކުދިންގެ ބައިގައި ވެސް ހިމެނެނީ ފަސް ޓީމެވެ. އަދި 16 އަހަރުން ދަށުގެ ދެ ޖިންސުގެ ކޮންމެ ބައެއްގައި ތިން ޓީމް ވާދަކުރާއިރު، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ވާދަ ކުރަނީ އަށް ޓީމެވެ. އަދި އަންހެން ކުދިންގެ ބައިން ވާދަކުރަނީ ހަތަރު ޓީމެވެ.
މުބާރަތުގެ ބައިވެރިވި 19 އަހަރުންދަށުގެ އަށް ޓީމްގެ ތެރޭގައި އަތޮޅުތަކުގެ ދެ ސުކޫލެއް ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ އަލަށް ބައިވެރިވި ފ. އަތޮޅު މަދުރުސާ އާއި މިދިއަ ދެ އަހަރު މި އުމުރުފުރައިގެ ޗެމްޕިއަން ވ. އަތޮޅު ތައުލީމީ މަރުކަޒެވެ.