01 Aug 2017, 17:13
ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭ މަރާލާފައި އޮއްވައި ފެނުނު، ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އިއްސެ މަރާލުމުގެ މައްސަލައިގެ ތަހުގީގު ނިންމައި ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އެ މައްސަލާގައި ދައުވާކޮށްފައިވަނީ ތިން ބިދޭސީއެއްގެ މައްޗަށް ކަމަށެެވެ.
އެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ ކަމަށާއި، އަދި ތިން ވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.
އިއްސެ މަރާލާފައި އޮއްވައި ފެނިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމުގައެވެ. އެ މައްސަލާގައި ފުލުހުން ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ސުމޮން މިއާ ނަމަކަށް ކިޔާ ބަންގުލަދޭޝް ރައްޔިތެކެވެ. ފުލުހުން ބުނެފައިވާ ގޮތުން އޭނާ ވަނީ އިއްސެ މަރާލި ކަމަށް އިއުތިރާފުވެފައެވެ.