ރިސޯޓުތަކަށް ޔުޓިލިޓީސްގެ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް "އެމްޑަބްލިއުއެސްސީ ސޮލިއުޝަން ސެމިނާރު 2017"ގެ ނަމުގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ސެމިނާރެއް ފަށައިފި އެވެ.

އެސެމިނާރު އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ސެމިނާރުގެ މަގްސަދަކީ އެ ކުންފުނިން ރިސޯޓް މާކެޓަށް ހާއްސަކޮށްގެން ނެރެފައިވާ "އެމްޑަބްލިއުއެސްސީ ޔުޓިލީޓީސް ސޮލިއުޝަންސް" އާ ބެހޭ މައުލޫމާތުތަކުގެ އިތުރުން ކުންފުނިން ދެމުންގެންދާ ފެނާއި ނަރުދަމާ އާއި ކަރަންޓް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުގެ މައުލޫމާތު ހިއްސާ ކުރުމެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެސެމިނާރުގައި ރިސޯޓުތަކުންނާއި ތަރައްގީކުރަމުން އަންނަ ރިސޯޓްތަކުގެ ބޭފޫޅުންގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެމްޑަބްލިއުއެސްސީ ސޮލިއުޝަންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ވެސް އެ ސެމިނާގައި މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ. އޭގެ ތެރޭގައި ޓޭންކް ކަނެކްޝަން، ވާވިން، ޒައިލަމް އަދި އޭވީކޭ ހިމެނެ އެވެ. އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ސޯލްޑިސްޓްރިބިއުޓަރަކީ އެމްޑަބްލިއުއެސްސީ އެވެ.

އެރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ މިއަދު ފެށި ސެމިނާރުގެ ސަބަބުން އިޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރައް އަދާކުރާނެ ކަމަށާއި އަދި ޓޫރިޒަމާއި ކޮންސްޓަރަކްޝަންގެ ދާއިރާއަށް ވަރަށް ބޮޑެތި ފައިދާތަކެއް އޭގެ ސަބަބުން ކުރާނެ ކަމަށެވެ. އަދި ޢޭގެ އިތުރުން ގައުމުގެ އިންފްރާސްޓްރަކްޗަރު ބައިނަލްގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަރައްގީކޮށް އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"މިސެމިނާރުގެ ސަބަބުން އިޖާދީ ހައްލުތައް ފޯރުކޮށްދިނިމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. އޭގެ ސަބަބުން ޓޫރިޒަމް އަދި ކޮންސްޓަރަކްޝަންގެ ދާއިރާއަށް ވަރަށް ބޮޑެތި ފައިދާ ކުރާނެ. އަދި މިގައުމުގެ އިންފްރާސްޓްރަކްޗާ ބައިނަލަގްވާމީ ގޮތުން ގަބޫލުކުރާ ފަދަ ކޯޑް އޮފް ޕްރެކްޓިސް އަދި ސްޓޭންޑާޑްސްއާ އެއްގޮތަށް ތަރައްގީކޮށް އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ،" ފަޒުލް ވިދާޅުވި އެވެ.