01 Aug 2017, 15:51
ގައުމީ ޔުނިވާސިޓީގެ ކުރީގެ ލެކްޗަރަރ، އަދި ދީނީ އިލްމުވެރިޔާ މުހައްމަދު ޝާފިއުގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ޝައިޚް ޝާފިއުގެ މައްޗަށް އުފުލާފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ޝައިޚް ޝާފިއު ވަނީ ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. ފުލުހުން ތުހުމަތު ކުރާގޮތުގައި އޭނާ ވަނީ ކިޔަވައިދިން ދަރިވަރަކާ މެދު ޖިންސީ އަމަލު ހިންގާފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައިވާގޮތުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި މީހެއްގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރު މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ. އެގޮތުން ގޭންގަކުން 17 އަހަރުގެ ކުއްޖަކު ރޭޕްކުރަން އުޅުނު މައްސަލައެއްގައި އުނގޫފާރު ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.
ހަމަ އެހެންމެ 13 އަހަރުގެ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާތީ ދެ ބިދޭސީ އަކާއި ދިވެއްސެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.