01 Aug 2017, 14:23
ްސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017 ގެ ހޮސްޕިޓެލިޓީ ޕާޓްނަރަކަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ "ހޮޓެލް މަލްބެރީ" ހަމަޖައްސައިފިއެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ޓްރެވަލް އެވޯޑްސް 2017 އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ރާއްޖޭގައެވެ.
ހައިރައިޒުން މިހާތަނަށް ވަނީ އިންޑިއާއާއި ރާއްޖެއިން ސަޓާއަށް ހޮސްޕިޓެލިޓީ ޕާޓްނަރުން ހަމަޖައްސާފައެވެ. އެއީ މާލޭގެ ޗަމްޕާ ސެންޓްރަލް ހޮޓަލާއި، ބެންގަލޫރުގެ ޗާންސަރީ ޕެވިލިއަން ހޮޓަލެވެ.
ހައިރައިޒުން މިއަދު ބުނީ، މި މަހުގެ މެދެއްހާތަނުގައި ސަޓާގެ އިވެލުއޭޝަން ފަށާ އިރު، ނޭޕާލުން ސަޓާގެ ހޮސްޕިޓެލިޓީ ޕާޓްނަރަކަށް ހޮޓެލްް މަލްބެރީ ހަމަޖައްސާފައިވާ ކަމަށެވެ.
ކަތުމަންޑޫގެ ހޮޓެލް މަލްބެރީއަކީ މިއަހަރުގެ އޭޕްރިލް މަހު އެ ސިޓީގައި ހުޅުވުނު ތިން ތަރީގެ ބިޒްނަސް ހޮޓަލެކެވެ. ނުވަ ބުރީގެ ހޮޓަލުގައި 67 ކޮޓަރި ހުރެއެވެ. އެއީ 41 ޑިލަކްސް ރޫމް، 15 އެގްޒެކެޓިވް ރޫމް، ނުވަ ޖޫނިއާ ސުއިޓް، ބިޒްނަސް ސުއިޓެއް އަދި ޕްރެޒިޑެންޝަލް ސުއިޓެކެވެ. މީގެ އިތުރުން އެ ހޮޓަލުގައި މަޝްހޫރު ކޮކޫން ބްރޭންޑްގެ ސްޕާއެއްވެސް ހުރެއެވެ.
މިއަހަރު ރާއްޖޭގައި ބާއްވާ ސަޓާ އެވޯޑްސްގައި ފަސް ގައުމެއްގެ 414 އަށް ވުރެ ގިނަ ފަރާތުން ނޮމިނޭޝަން ހުށަހަޅާފައިވެއެވެ. އެ ފަސް ގައުމަކީ ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ އިތުރުން ނޭޕާލާއި ބޫޓާނެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.