ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ނުވަ ރަށެއް ހަވާލުކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ، އަދި ދޫކުރި 25 ރަށުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ދައުވާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލައިފި އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ އާއިޝަތު ބިޝާމް ވިދާޅުވީ ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ފޮނުވި 55 ރަށުގެ މައްސަލައިގެ ތެރެއިން 25 ރަށެއްގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ދައުވާ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ. އަދި ބާކީ ހުރި މައްސަލަތައް ދަނީ ދިރާސާ ކުރަމުންނެވެ.

އެ 25 ރަށުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދަކީ 613.08 މިލިއަން ރުފިޔާ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ 58 ރަށުގެ މައްސަލައިގެ ތެރެއިން ނުވަ ރަށެއް ކުއްޔަށްދޫކުރި މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ. އަދި ބާކީ ހުރި 49 ރަށުގެ މައްސަލަ އަދިވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ ބާކީ ހުރި ރަށްތަކާ ގުޅޭ ގޮތުން ފަހުން މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ތިން މިލިއަން ޑޮލަރަށް ޚިޔާނާތްވިކަން ސާބިތުވެ، އަދީބާއި ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އަށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ.

އަދި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި އަދީބުގެ މައްޗަށް މީގެކުރިން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލައިފަ އެވެ. އަދި އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްވި ކަމުގެ ދައުވާ ޒިޔަތުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.