މަގުކުނިކެހުމަށް ސަރުކާރުން ދޭ ފައިސާގެ ތެރެއިން ހަ މަސް ދުވަހަށްވާ ފައިސާ ނުލިބިގެން ނ. ލަންދޫ އަންހެނުން އެ ރަށު ކައުންސިލްގެ އިދާރާ މިއަދު ބަންދުކޮށްފި އެވެ.

ލަންދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޒު ވިދާޅުވީ މިއަދު ހެނދު ކައުންސިލަރުން އޮފީހަށް ވަޑައިގަތް އިރު ކައުންސިލްގެ އިދާރާގެ ދޮރު ކުރިމަތީގައި ޖޯލިފަތި ބަހައްޓައި އިދާރާ ބަންދުކޮށްގެން ރަށުގެ އަންހެނުން ތިބި ކަމަށެވެ.
"ގާތްގަނޑަކަށް ރަށުގެ ހުރިހާ ގެއަކުން އަންހެނުން ހިމެނޭ، 140 އަންހެނުންގެ ގްރޫޕަކުން މިރަށް ކުނި ކަހަނީ. ދެން މިއަދު އެ ހުރިހާ އަންހެނުން މިތިބީ ރަށު ކައުންސިލް އިދާރާ ކުރިމަތީ ޖޯލިފަތި ބަހައްޓައިގެން މުޒާހަރާ ކުރަން،" ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށް ކުނިކަހާ އަންހެނުންނަށް ކައުންސިލްގެ ބަޖެޓުން ފައިދާ ދިނުމަށް އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އިން ކައުންސިލަށް އެންގެވި ކަމަށެވެ. ނަމަވެސް އެބަޖެޓުން އެކަމަށް ފައިސާ ދޫކޮށްފި ނަމަ އެހެން ކަންތައްތަކަށް ބުރޫ އަރާނެ ކަމަށާއި ކައުންސިލްގެ ބަޖެޓްގައި އެވަރަށް ފައިސާ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ އެކަނި ރަށުގެ މަގުބައްތިތައް ދިއްލުމަށް ވެސް އެބަ ހޭދަވޭ އަހަރަކު 180000 ރުފިޔާ. މަގުކުނިކެހުމަށް ފައިސާ ދީފި ނަމަ، ކައުންސިލުން ކުރަން ޖެހޭ އެހެން ކަންތައްތަކެއް ނުކުރެވޭނެ،" ފަޔާޒް ވިދާޅުވި އެވެ.

ފަޔާޒް ވިދާޅުވީ ލަންދޫ ރަށު ކައުންސިލްގެ މެމްބަރުން ހުވާކުރައްވައި އޮފީހަށް ނުކުމެވަޑައިގަތް އިރު ވެސް ކުނިކަހާ އަންހެނުންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ދެ މަސް ދުވަހަށްވާ ފައިސާ އޮތީ ނުދީ ކަމަށެވެ.

މަގުކުނި ކަހާ ފައިސާ ނުލިބިގެން ލަންދޫ އަންހެނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް ކައުންސިލް އިދާރާ ހިސާރުކޮށްފަ އެވެ. އެ ދުވަހު އެ ރަށުން ވާހަކަ ދެއްކި އަންހެނަކު ބުނީ ރަށް ކުނިކަހައިދެނީ މަހަކަށް 19000.ރ ގެ މަގުން ކަމަށެވެ.

ލަންދޫ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ފައިސާގެ ކަންތައް ހަމަ ނުޖެހެނީސް ކައުންސިލްގެ މެމްބަރެއް ވެސް އަދި އިދާރީ މުވައްޒަފެއް ވެސް ކައުންސިލްގެ އިދާރާ އަށް ވަނުމަށް ފުރުސަތު ނުދޭނެ ކަމަށް އެއްވެފައިވާ އަންހެނުން އަންގާފައިވާ ކަމަށެވެ.