01 Aug 2017, 13:30
ދެމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީން އަލުން ފަށައިފި އެވެ.
ހައުސިންގް މިނިސްޓްރީން މިއަދު އަލުން ފަށާފައި ވަނީ، މަޖީދީމަގު ހެދުމުގެ ހަތް ވަނަ ސެގްމެންޓުގެ މަސައްކަތެވެ.
މި ސެގްމެންޓުގެ ސަރަހައްދަކީ އޮލިމްޕަހުން ފެށިގެން، ހީނާމާގެ ބިމުގެ އެންމެ އިރުމައްޗާ ހިސާބަށެވެ. އެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާ އިރު، އެސަރަހައްދުގެ ގާތައް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މިއަހަރުގެ ކުރީކޮޅުން ފެށިގެން މަޖީދީމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ބައިބަޔަށް ބަހާލައިގެންނެވެ.
ރަމަޟާން މަހާ ގުޅިގެން މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލި އެވެ. ރަމަޟާން މަސް ނިމުމާ އެކު އެ މަސައްކަތް އަލުން ފެށުމަށް ރާވާފައި އޮތް ނަމަވެސް، އެކަން ފަސްކުރީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެންނެވެ.
"ރޯދަ މަހަށް މެދުކަނޑާލާފައި ދެން ފަށަން ތައްޔާރުވީ. ނަމަވެސް ހޯމް މިނިސްޓަރު ރިކުއެސްޓް ކުރެއްވީ ޖުލައި 26 އާ ގުޅިގެން ގަލޮޅު ދަނޑުގައި އިވެންޓުތައް ބާއްވާތީ، މަޖީދީމަގުގެ މަސައްކަތް މަޑުޖައްސާލައިދޭން،" ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ވިދާޅުވި އެވެ.