ޒުވާނުންގެ ފުރާނަ ދުއްވާލަމުން ދަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް ދައުލަތުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ތުހުމަތު ކުރައްވައިފި އެވެ.

އެ ތުހުމަތުތައް ޝައިނީ ކުރެއްވީ އިދިކޮޅު ފަރާތްތަކާ އެކު އިސްކޮށް ހަރަކާތްތެރި ވަމުން ގެންދަވާ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޓެގް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ޝައިނީ ވިދާޅުވެފައި ވަނީ، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތަން ރޯކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޓުވީޓާ ގުޅޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓަކީ މާލޭގެ މަގުތަކާއި ރައްޔިތުން މަޖިލިސް ވެސް ހަލަބޮލިކޮށް ޒުވާނުން ނެރެ އެކިކަހަލަ ހަރަކާތްތައް ހިންގަވަމުން ގެންދަވާ އިދިކޮޅު ފަރާތްތަކަށް ރައްދުކޮށް ކުރެއްވި ޓުވީޓެއް ކަމަށެވެ.

އަދި އެ ޓުވީޓުގައި މައުމޫން ޓެގް ކުރެއްވީ އިދިކޮޅު ފަރާތްތަކުގެ އިސްކޮށް ހަރަކާތްތެރިވާ ލީޑަރެއްގެ ގޮތުގައި ރައީސް މައުމޫން ފެނިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކަށް ތުހުމަތުކޮށް ޝައިނީ މިއަދު ކުރެއްވި އެ ޓުވީޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި މައުމޫނަށް ތާއީދު ކުރައްވާ އެތައް ބަޔަކު ދަނީ ޝައިނީ އަށް ބަހުގެ ހަމަލާތަކެއް ރައްދަކުރަމުންނެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ހެންވޭރު ކާނިވަލް ސަރަހައްދަށް އެއްވެ، ރައީސް ޔާމީނަށް ތާއީދުކޮށް މިދިޔަ މަހުގެ ތެރޭގައި ބޭއްވި އެއްވުމުގައި ޝައިނީ ބައިވެރިވެވަޑައިގަތް ފޮޓޯތައް ތަކުރާރުކޮށް، ޝައިނީ އަށް ވެސް ދަނީ ތުހުމަތުގެ އިނގިލިތަކެއް ދިއްކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ޝައިނީގެ އިސްތިއުފާ އަށް ވެސް ގޮވަމުންދެ އެވެ.

އެ ތުހުމަތުތައް ފިނި ކުރުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ގެންދަނީ ޝައިނީގެ ޓުވީޓަށް ތާއީދު ކުރައްވައި އިދިކޮޅު ފަރާތްތަކާ އެކު ސޯޝަލް މީޑިއާގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.

ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތަން ރޯކުރަމުންދާ ކަމަށް ޝައިނީ ވިދާޅުވެފައިވާ އިރު، މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ހަފްތާއެއްގެ ތެރޭގައި ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ. އަދި މިހާތަނަށް ފަސް މާރާމާރީއެއް ހިންގާފައިވާ އިރު ހަތް މީހަކު ވަނީ އެ މާރާމާރީތަކުގައި ޒަހަމް ކޮށްލައިފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ފާހާނާއެއްގެ ތެރޭގައި އިއްޔެ އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ، އެއީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއްތޯ ސުވާލު އުފައްދަވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ފާހާނާގެ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާފައި ހުރި ޕުލާސްޓިކް އެއްޗެއްގައި ކަމަށާއި އޭތި އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި ފާހާނާގެ ފާރަށާއި ތަށިމުށިތައް ވެސް އަނދާފައި ހުރި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ނޫން ކަމަށް ސްޓެލްކޯ އިން ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.