01 Aug 2017, 12:34
މަރުކަޒީ ބޭންކް އެމްއެމްއޭއަށް ބޭނުންވާ ތަފާސް ހިސާބުތައް ތަފާސް ހިސާބުތައް އެއްކުރުމާއި އާންމުކުރުމާ ބެހޭ ގަވައިދެއް އެކުލަވާލައިފިއެވެ.
އެމްއެމްއޭއިން އިއްޔެ އާންމުކުރި ގަވައިދުގައި ބުނީ، އެ އޮތޯރިޓީން ތަފާސް ހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން އެއްވެސް ފަރާތަކަށް އަންގައިފި ނަމަ، އެ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން އެ މައުލޫމާތެއް ހިއްސާކޮށްދޭން ޖެހޭނެ ކަމަށެވެ. ތަފާސް ހިސާބު ދޭންޖެހޭ ފަރާތްތަކުނެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޕާޓްނަޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާތަކެވެ.
އެ ގަވައިދު ބުނާގޮތުން އެއްވެސް ފަރާތަކުން ހުށަހަޅާ މައުލޫމާތު ފުރިހަމަ ނޫންކަމަށް ގަބޫލުކުރެވޭ ނަމަ، އެ މައުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެ އޮތޯރިޓީއަށް އަލުން އެންގިދާނެ ކަމަށެވެ.
މަރުކަޒީ ބޭންކުގެ ގަވައިދު ބުނަނީ، އެ ބޭންކަށް ހުށަހަޅާ، ވަކި ފަރާތަކާ ބެހޭ މައުލޫމާތުތަކަކީ ސިއްރުގެ ގޮތުގައި ހިފަހައްޓާނެ މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމާތު ނިސްބަތްވާ ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލައި، އެފަދަ މައުލޫމާތެއް އެމްއެމްއޭއިން އެހެން ފަރާތަކާ ހިއްސާ ނުކުރާނެކަމަށްވެސް އެ ގަވައިދުގައި ބުނެއެވެ.
އަދި އެމްއެމްއޭއިން ގަވައިދުގެ ދަށުން ހޯދައި، އެއްކުރާ ހިސާބުތަކުގެ މައުލޫމާތު އާންމުކުރާނީ ޖުމްލަ ހިސާބުތަކެއްގެ ގޮތުގައި ކަމަށް ގަވައިދުގައި ވެއެވެ.
ގަވައިދުގައި ބުނާ ގޮތުން، އެ ގަވައިދާ ޚިލާފުވާ ފަރާތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން ރަނގަޅުކުރުމަށް އެންގޭނެ ކަމަށާއި، އެކަން ފުރިހަމަ ނުކޮށްފިނަމަ، ޚިލާފު ރަނގަޅުވަންދެން ހިނގާ ކޮންމެ ދުވަހަކަށް 5،000 ރުފިޔާއަށް ވުރެ އިތުރު ނުވާނެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.