ކަރާކަސް (އޮގަސްޓް 1): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަކީ ޑިކްޓޭޓަރެއްގެ ގޮތުގައި އެމެރިކާ އިން ސިފަކޮށް އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާ އިން އެފިޔަވަޅު އަޅާފައި ވަނީ ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުމުގައި އެގައުމުގައި މަޖިލިސް އިންތިހާބެއް ބޭއްވި ފަހުންނެވެ. އެއިންތިހާބާ ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 10 މީހަކު މަރުވި އެވެ.

ނަމަވެސް މަޑޫރޯ ވަނީ އެއީ އިންގިލާބީ ވޯޓެއްގެ ގޮތުގައި ސިފަ ކުރައްވައި އޭގެ ސަބަބުން އެމެރިކާ އިން އަޅާނެ ފިޔަވަޅަކާ މެދު ހާސްނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭރުގައުމުތަކުގެ ސަރުކާރުތަކުގެ އަމުރަށް ބޯނުލަނބާނަން. އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ. ވެނެޒުއޭލާގެ ރައްޔިތުންނަކީ މިނިވަން ބައެއް އަދި އަޅުގަނޑަކީ މިނިވަން ގައުމެއްގެ މިނިވަން ރައީސް،" މަޑޫރޯ ވިދާޅުވި އެވެ.

އެފިޔަވަޅުތަކުގެ ދަށުން އެމެރިކާ އިން ވަނީ މަޑޫރޯގެ މުދާތައް ހިފަހައްޓައި، އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކުން މަަޑޫރޯއާ އެކު ވިޔަފާރި ކުރުން މަނާކޮށްފަ އެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ 13 އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

އެމެރިކާއިން އެފަދަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިތުރު ލީޑަރުންގެ ތެރޭގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ހިމެނެ އެވެ.

ވެނެޒުއޭލާގައި މީގެ ކުރިން އޮތީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮތް މަޖިލީހެކެވެ. ނަމަވެސް އިއްޔެ އެގައުމުގައި ބޭއްވި އިންތިހާބާ އެކު ސަރުކާރުން ވަނީ އެކަން ބަދަލުކޮށް، ގައުމުގެ ގާނޫނު އަސާސީ ވެސް ބަދަލު ކުރުމުގެ ބާރު ހޯދައިފަ އެވެ.

ވެނެޒުއޭލާގެ އިގުތިސާދު ހީނަރުވަމުން ދިޔުމުގެ ސަބަބުން އެގައުމުގެ 30 މިލިއަން މީހުންނަށް ވަނީ އަސާސީ ތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި ފާއިތުވި ހަތަރު މަސް ތެރޭގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 120 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. (ބީބީސީ)