21 Jul 2011, 09:19
ޕެރިސް (21 ޖުލައި) : ވެރިކަމުން ފާބައި ސިޔާސީ ޙަޔާތް މުޅިން ދޫކޮށްލައްވައިފިނަމަ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއާއި އޭނާގެ ޢާއިލާއަށް ލީބިޔާގައި ދިރިއުޅުއްވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު އެލަން ޖުޕޭ ވިދާޅުވެއްޖެއެވެ.
ލީބިޔާގެ އަހްލީ ހަނގުރާމަ ނިމުމަކަށް ގެނަސް ލީބިޔާގެ ދާޚިލީ މައްސަލަ ޙައްލުކުރުމުގެ އެއްސިނާރިޔޯއަކީ ނުވަތަ ތަސައްވުރަކީ ވެރިކަމުން ފާބައި ސިޔާސީ ޙަޔާތުން އެކަހެރިވެއްޖެނަމަ ޤައްޒާފީއާއި އޭނާގެ ޢާއިލާއަށް ލީބިޔާގައި ދިރިއުޅުއްވުމުގެ ފުރްސަތު ދިނުން ކަމަށް ފަރަންސޭސި ޓީވީ ނެޓްވާރކެއް ކަމަށްވާ އެލް.ސީ.އައި. އަށް ދެއްވި ބަސްދީގަތުމެއްގައި ޖުޕޭ ވިދާޅުވިއެވެ.
ގައްޒާީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލްވެސް މިމަހުގެ ކުރީކޮޅު މިމޭރުމުން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މުސްތްފާ ޢަބްދުލްޖަލީލުގެ ބަޔާނަށް ލީބިޔާގެ އިދިކޮޅު އެހެން ބައެއް ލީޑަރުން ވަނީ ދެކޮޅު ހައްދަވައި ޤައްޒާފީއަށް ލީބިޔާގައި އެއްވެސް ޖާގައެއްނެތް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
އަނެއްކޮޅުން ލީބިޔާގެ ޚާރިޖީ ވަޒީރު ޢަބްދުލްޢާތީއަލްޢުބައިދީ ވަނީ ގައްޒާފީ ވެރިކަމުން ފާބައިވަޑައިގަތުމާއި އޭނާ ޤައުމުން ބޭރަށް ވަޑައިގަތުމަކީ ވާހަކަ ދެއްކެންއޮތް ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ރަޝިޔާގެ ޚާރިޖީވަޒީރު ސަރގީ ލާވްރޯވް އާ މޮސްކޯގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ލީބިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ވެރިކަމުންވެސް އަދި ލީބިޔާއިންވެސް ގައްޒާފީ ދުރަށް ވަޑައިނުގަންނަވާނެ ކަމަށާ އެކަމާބެހޭގޮތުން ރަޝިޔާގެ ޚާރިޖީ ވަޒީރާ މަޝްވަރާކޮށްފައިނުވާނެ ކަމުގައެވެ. (އަލްޖަޒީރާ+ރޮއިޓާސް)