01 Aug 2017, 09:50
ވޮޝިންޓަން (އޮގަސްޓް 1): އެމެރިކާގެ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އެންތަނީ ސްކަރަމޫޗީ އައްޔަން ކުރިތާ 10 ދުވަސް ފަހުން އޭނާ މަގާމުން ވަކިކޮށްފި އެވެ.
ސްކަރަމޫޗީ މަގާމުން ވަކިކުރީ ނިއު ޔޯކާ މެގަޒިންގެ ރިޕޯޓަރަކާ ބޭއަދަބީ ބަހުރުވައިން ވާހަކަ ދައްކަވައި، އޭނާގެ ކޮމިއުނިކޭޝަންސް ޓީމުން ވައިޓް ހައުސްގެ ސިއްރުތައް ލީކު ކުރާ ކަމަށް ބުނެ އެޓީމުގެ ހުރިހާ މުވައްޒަފުން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ދެއްވި ފަހުންނެވެ.
ސްކަރަމޫޗީ ނޫސްވެރިޔަކާ އެފަދައިން ވާހަކަ ދެއްކެވީ އޭނާ އާއި ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ އާއި އިތުރު ދެ މީހަކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކާ ބެހޭ މައުލޫމާތު އެ ނޫސްވެރިޔާ ޓުވިޓާގައި ހިއްސާ ކުރުމުންނެވެ.
ސްކަރަމޫޗީ ތުހުމަތު ކުރެއްވި ގޮތުގައި އެމައުލޫމާތު ނޫސްވެރިޔާއަށް ދިނީ ވައިޓް ހައުސްގެ ކުރީގެ ޗީފް އޮފް ސްޓާފް ރައިންސް ޕްރީބަސް އެވެ. ނޫސްވެރިޔާއާ ވާހަކަ ދައްކަވަމުން ސްކަރަމޫޗީ ވިދާޅުވި ގޮތުގައި އޭނާ މީގެ ކުރިން ވައިޓް ހައުސްގެ މަގާމަކަށް އައްޔަންކުރުން ހުއްޓުވާފައި ވަނީ ވެސް ޕްރީބަސް އެވެ.
ޕްރީބަސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ސްކަރަމޫޗީ އެމަގާމަށް އައްޔަން ކުރުމާ ގުޅިގެން ޓްރަމްޕްގެ ތަރުޖަމާނު ޝޯން ސްޕައިސާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އޭގެ ސަބަބުން ވައިޓް ހައުސްގައި އޮތް ދެބަސްވުންތަކުގެ ވާހަކަ ފެތުރިފައި ވަނިކޮށް ރައީސް ޓްރަމްޕް ވަނީ އެވާހަކަތައް ދޮގުކުރައްވައި ސަރުކާރުގެ ކަންތައް އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ޓުވީޓު ކުރައްވައިފަ އެވެ. (ބީބީސީ)