31 Jul 2017, 23:52
ދުނިޔޭގެ ފެންވަރުގައި އެންމެ ރައްކާތެރި އަދި ކޮލިޓީ ރަނގަޅު ޚިދުމަތް ދޭ ކުންފުނިތަކަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) އިން ދޭ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓްފިކެޓް މާލޭ ވޯޓާ އެންޑް ސަވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހޯދައިފި އެވެ.
މިއީ އެ އޮގަނައިޒޭޝަނުން 2015 ވަނަ އަހަރު މުތާލިއާ ކުރި ސެޓްފިކެޓެކެވެ. އެ ސެޓްފިކެޓް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ސެންޓްރަލް ހޮޓަލުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގަަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.

އެމްޑަބްލިއުއެސްސީން އައިއެސްއޯ ސެޓްފިކެޓް ހާސިލުކުރި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒް މޫސާ
އެ ކުންފުނިން މިއަދު ހާސިލު ކުރި އައިއެސްއޯ ސެޓްފިކެޓްގެ ސަބަބުން އެމްޑަބްލިއުއެސްސީ ވެގެންގޮސްފައި ވަނީ ކަމެއް ދިމާވުމުން އެކަމެއް ހައްލު ހޯދުމުގެ ބަދަލުގައި ކަމެއްދިމާވުމުގެ ކުރިން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ، ގެއްލުން ކުޑަ ކުރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައެވެ.
"އެމްޑަބްލިއުއެސްސީ އިން އައިއެސްއޯ 9001:2015 ސެޓްފިކެޓް ހާސިލުކުރުމުގެ މައިގަނޑު މަގުޞަދަކީ ކުންފުނީގެ މަސައްކަތަށް އެއްހަމައެއް ގާއިމުކޮށް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ބައެއްގެ ގޮތުގައި ރިސްކު ނެގުން އޮތުމުގެ ބަދަލުގައި، ސިސްޓަމެޓިކް އެޕްރޯޗެއް (ނުވަތަ ހަމަޖެހިފައިވާ ހާއްސަ އުސޫލެއް) ބޭނުންކޮށްގެން ރިސްކުނެގުމުގެ މިންގަނޑުތަކެއް ގާއިމުކުރުން،" ކަމުގައި އެ ކުންފުނިން ބުންޏެވެ.