21 Jul 2011, 09:17
ބަލްގްރޭޑް (21 ޖުލައި) : ކުރީގެ ޔުގޮސްލޭވިޔާގައި ހިންގި ހަނގުރާމައިގެ ޖަރީމާ ތަކުގެ ފަހަތުގައިވާކަމަށް ތުހުމަތު ކުރެވޭ ސަރބު ޖެނެރަލުންގެ ތެރެއިން އެންމެފަހުގެ ޖެނެރަލް ގޫރާން ހާދިޗް މިދިޔަ ބުދަދުވަހުގެ ހެނދުނު ހައްޔަރުކޮށްފިއެވެ.
ކުރީގެ ޔުގޮސްލޭވިޔާގެ ދާޚިލީ ހަނގުރާމައިގާ ކްރޮވޭޝިޔާގެ އެތަށް ހާސް ބަޔަކު މެރުމުގެ ފަހަތުގަިއވާ ކަމަށް ތުހުމަތުކުރެވޭ ޖެނެރަލް ހާދިޗް ހައްޔަރުކޮށްފައިވަނީ ބަލްގްރޭޑްގެ ކައިރީގައިވާ ޖަންގައްޔެއްގައި ފިލައިގެން އުޅުއްވަނިކޮށް ކަމަށް ސަރބިޔާ ސަރުކާރުން ބުނެއެވެ.
އުމުރުން 52 އަހަރުގެ ޖެނެރަލް ހާދިޗް އަކީ ކުރީގެ ޔުގޮސްލޭވިޔާގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލާ އދ. ގެ ކޯޓަށް ޙާޒިރުކުރަން ބޭނުންވެގެން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ސަރބު ލީޑަރުންގެ ތެރެއިން އެންމެ ފަހުގެ ލީޑަރެވެ.
ހާދިޗް ހައްޔަރުކުރި ސަރބިޔާ ސިފައިންގެ ގްރޫޕުންބުނީ ހައްޔަރުކުރިއިރު އޭނާގެ އަތުގައި ހަތިޔާރު ހުރިކަމަށާ ނަމަވެސް ހައްޔަރުކުރަން އުޅުމުން ގަދަކަން ދެއްކުމަށް ހާދިޗް މަސައްކަތްކޮށްފައިނުވާ ކަމުގައެވެ.
ހާދިޗް ހައްޔަރުކޮށްފައިމިވަނީ ސަރބުންގެ އެންމެ ނުރައްކާތެރި މުޖްރިމް އަދި ބޮސްނިޔާގެ މުސްލިމުންގެ ޤާތިލް ޖެނެރަލް ރަޓްކޯ މުލަދިޗް ހައްޔަރުކޮށް ބައިނަލްއަޤްވާމީ ކޯޓާ ޙަވާލުކުރިތާ ދެމަސް ފަހުންނެވެ.
ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ހާދިޗް ފިލައިގެން އުޅުނީ ސަރބިޔާގެ ނަސާރާ ފައްޅިތަކަށް އެނގިގެން ކަމަށާ ނަމަވެސް ނަސާރާ ފައްޅިތަކުން އެކަން ސަރބިޔާ ސަރުކާރަށާއި ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ (އެންޓަރޕޯލް) އަށް ރިޕޯޓްކޮށްފައިނުވާ ކަމަށް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)