18 May 2010, 09:29
14:30
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމާ ބެހޭ ޤަވާއިދުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަތައް އިސްލާހުނުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުނުކުރުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސުން ސަރުކާރަށް ގޮވާލައިފި އެވެ.
މިކަމަށް ގޮވާލާ އިސްލާމިކް ފައުންޑޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި، ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ދީނީ ވަޢުޡުބުނުމާއި ދީނުގެ ހުކުމްތައް ބަޔާންކުރުމަށް އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށްވާންޖެހޭ ކަމަށް ދީނީ އެއްބައިވަންތަ ކަމުގެ ޤަވާއިދުގައި އޮތުމަކީ ޤާނޫނު އަސާސީއާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި އެކަމަކީ އިސްލާމްދީނުގައި ޝަރުތު ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު ފާސްކުރެވުނު ފަހުން މިފާއިތުވީ އަހަރުތަކުގައި ސިޔާސީ ބޭނުމަކަށްޓަކައި ބައެއް ދަންނަބޭކަލުންނާއި މެދު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅުއަޅާފައިވާ ކަމަށާއި ދީނީ ވަޢުޡުބުނުމާއި ދީނުގެ ހުކުމްތައް ބަޔާންކުރުމަށް ހުއްދަ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި އެ ހުއްދަދެވޭނީ އެޤަނޫނާ ހިލާފު އަމަލެއް ހިނގިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހަކަށް ކަމުގައި ބަޔާންކޮށްފައިވުމުން އެފަދަ ބައެއް ދަންނަބޭކަލުން ދީނީ ތަޤްރީރުކުރުމާއި ވަޢުޡުބުނުމުން މަނާކުރާތީ އެ ފައުންޑޭޝަނުން އެކަންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެބަޔާނުގައިވެ އެވެ.