31 Jul 2017, 21:26
މަސްދޯނި ފަހަރަށް ބޭނުންވާ އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން މިއަހަރުގެ ތެރޭގައި ބައެއް މަސްދޯނި ފަހަރުގައި އައިސް އުފެއްދޭނެ ނިޒާމް ހަރުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ، މަސްދޯނި ފަހަރުގައި މަސްފިނިކުރާ ނިޒާމް ބަހައްޓަން އައިސްލޭންޑުގެ ކުންފުންޏަކާ ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވިދާޅުވެ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މަސްދޯނި ފަހަރުގައި އައިސް އުފެއްދޭނެ ގޮތަށް ހުންނަ ނިޒާމްތަކެއް ގާއިމްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ހިންގަވާނެ ކަމަށް މިނިސްޓަރު ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ނިޒާމަކީ އޮޕަރޭޓް ކުރުމަށް ފަސޭހަ އަދި ބޭނުން ވަރަކަށް އައިސް އުފެއްދޭނެ ނިޒާމެކެވެ.
އެހެންކަމުން ހަފްތާއެއް ވަންދެން ނުވަތަ އެންކޮޅު ހުސްވަންދެން ވެސް މަސްވެރިންނަށް މަސްވެރިކަމުގައި ކަނޑުމަތީގައި ތިބެވޭއިރު، އައިސް ނުލިބިގެން އުޅެންޖެހޭ އުޅުމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.