01 Aug 2017, 00:17
ދެކުނު ކޮރެއާގެ ގާލް ސްކައުޓްސްއިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ގާލް ސްކައުންޓް އިންޓަނޭޝަނަލް ކޭމްޕުގައި ބައިވެރިވުމަށް ރާއްޖޭގެ 10 ގައިޑަކު ދެކުނު ކޮރެއާ އަށް ފުރައިފި އެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ގާލް ސްކައުންޓް އިންޓަނޭޝަނަލް ކޭމްޕަކީ ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ގާލް ސްކައުންޓުންނާއި ގައިޑްސް އަދި ސްކައުންޓްސް އިން ބައިވެރިވަމުން އަންނަ ހަރަކާތެކެވެ.
މިއަދުން ފެށިގެން ހަތް ދުވަހަށް ދެކުނު ކޮރެއާގެ ޔިއޯޖޫ ސިޓީގައި ކުރިއަށްދާ 16 ވަނަ އިންޓަނޭޝަނަލް ކޭމްޕުގައި ރާއްޖޭން ބައިވެރިވާ 10 ގައިޑުންނާއި ދެ ގައިޑް ލީޑަރުން ދެކުނު ކޮރެއާ އަށް ފުރާފައިވަނީ އިއްޔެ އެވެ.
ރާއްޖޭގެ ގާލް ގައިޑްސް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު މަރިޔަމް ނާޒިމާ މިއަދު ވިދާޅުވީ، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގައިޑުންނަށް ހުޅުވާލާ ކަމަށެވެ.
ނަމަވެސް އެހެން ބައިނަލް އަގުވާމީ ޖަމްބަރީ ތަކެއް ހުރުމުން މިއަހަރުގެ ދެކުނު ކޮރެއާ ކޭމްޕުގައި ބައިވެރިވި ކުދިންގެ މަދު ކަމަށް ވިދާޅުވި އެވެ.
ކުދިންގެ ކިބާގައި ހުރި ހުނަރުތައް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، އާ ހުނަރުތައް ދަސްކުރުމުގެ އިތުރުން ބައިނަލް އަގްވާމީ ގުޅުން ދަމަހައްޓާ، ދުނިޔޭގެ އެހެން ގައުމުތަކުގެ ގައިޑުންނާ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ދެކުނު ކޮރެއާ ކޭމްޕުގައި މިއަހަރު 7000 އަށްވުރެ ގިނަ ގާލް ސްކައުޓްސް އަދި ގައިޑުން ބައިވެރިވާނެ އެވެ.
ދެކުނު ކޮރެއާ ކޭމްޕުގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައިޑުން ބައިވެރިވަމުންދާއިރު، ބައިނަލްއަގްވާމީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ގައިޑް އެސޯސިއޭޝަނުން ދަނީ ފަހި ކޮށްދެމުންނެވެ.