31 Jul 2017, 19:48
ބާސެލޯނާ ދޫކޮށް ބްރެޒިލް ތަރި ނޭމާ ގޮސްފިނަމަ، ވާދަވެރި ރެއާލް މެޑްރިޑަށް އޭގެ ފައިދާ ކުރާނެ ކަމަށް އެ ކްލަބުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.
ނޭމާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އެވެ. ޕީއެސްޖީން އޭނާގެ 222 މިލިއަން ޔޫރޯގެ ރިލީޒް ފީ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އުމުރުން 25 އަހަރުގެ ނޭމާ ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރަމުންދާއިރު، ޕްރީ ސީޒަން މެޗުތަކުގައި ނޭމާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރެއާލްއާ ދެކޮޅަށް ކުޅެ، 3-2 ލަނޑުން ބާސާ މޮޅުވި މެޗުގައި ނޭމާގެ ކުޅުން ފާހަގަކޮށްލެވެއެވެ.
"އެންމެންނަށް ވެސް އެ މީހެއްގެ ކުރިމަގު ބިނާކުރުމުގެ ފުރުސަތު އޮންނާނެ. އަހަރެން އުންމީދުކުރަނީ ނޭމާ، ބާސާ ދޫކޮށްދާނެ ކަމަށް. އޭރުން ރެއާލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ،" ރާމޯސް ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު ރާމޯސް ވަނީ ނޭމާއާއެކު ޖާޒީ ވެސް ބަދަލުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ރާމޯސް ބުނީ، އެއީ އޭނާގެ އަތުގައި އޮންނާނެ އެންމެ ފަހު ބާސާ ޖާޒީ ކަމުގައި ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.