31 Jul 2017, 19:33
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ފާރިސްގެ މައްޗަށް ކުރާ އަޑުއެހުން ބޭއްވުމަށް ހަމަޖެއްސީ މިއަދު ހެނދުނު 10:30 ގަ އެވެ. ނަމަވެސް އަޑުއެހުން ފެށުމާ އެކު ފާރިސްގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި ފާރިސް މަޖިލީހުގެ ޖަލްސާއަށާއި، ކޮމިޓީއެއް އޮތް ނަމަ އެ ކޮމިޓީއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްފަހު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ގާޒީ ވަނީ އެ ފުރުސަތު ދިނުމުގެ ގޮތުން އެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މަދަނީ މިންގަނޑަށް ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އޭނާގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ޖަވާބުދާރީވާން ބޭނުންވާ މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
ދިފާއުވުމަށް ބޭނުންވާ މައުލޫމާތުތަކަކީ ފާރިސްއާ އެއްކޮޅަށް ހުރި ހެކިތައް ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
އެ މައްސަލާގައި ދިފާއު ބިނާ ކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ހުރަސް އަޅަމުންދާ ކަމަށާއި ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖް އޭނާ އަށް ދެއްކުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި ފުލުހުންވެސް ފުރުސަތުދީފައި ނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ފާރިސް މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި އަޑުއެހުން ފަސްކުރި ނަމަވެސް ކަރެކްޝަންސް އިން އޭނާ މަޖިލީހަށް ހާޒިރުކޮށްދީފައި ނުވާތީ، އެކަމުގެ ޒިންމާ ކަރެކްޝަންސް އާއި ޕީޖީ އޮފީހުން ނަގަންޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ އެ ދެ މުއައްސަސާއިން އެކަމުގެ ޒިންމާ ނަގަންޖެހޭ ސަބަބަކީ ފާރިސް މަޖިލީހަށް ހާޒިރުނުކުރުމަކީ އެ ދެ މުއައްސަސާ އިން ޒިންމާ ނެގުމަށް ޣާފިލުވެފައިވާތީ ކަމަށެވެ. އެހެންކަމުން އެ ދެ މުއައްސަސާއާ މެދު ފިޔަވަޅު އަޅައި ދިނުމަށް މައުމޫން ހަމީދު އެދިވަޑައިގަތެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ފާރިސް މަޖިލީހަށް ހާޒިރުވުމަށް ހުރަސް އެޅޭނެ އެއްވެސް އަމަލެއް ޕީޖީ އޮފީހުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފާރިސް މަޖިލީހަަށް ހާޒިރު ކުރުމަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ކަމެއް ކަމުގައި ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، ގާޒީ ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ކަމެއް ހުރި ނަމަ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.