އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއިންވެސް އަންހެނުންނަށް ދައުލަތުގެ އިސް މަގާމުތައް ފުރުމަށް ހުރަހެއް ނެތް ކަމަށާއި، ދިވެހި އަންހެނުން ވަނީ އެމީހުންގެ ގާބިލުކަން ދުނިޔެއަށް ހާމަކޮށްދީފައި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި، އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވަނީ، އަންހެނުންނަށް ގާޒީކަން ނުކުރެވޭނެކަމަށް ވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.

މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފަށައިފައެވެ.

ޑރ. ބާރީގެ ވާހަކަތަކަށް ރައްދު ދެއްވައި، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ރާއްޖޭގައި އަންހެން ކަނބަލަކަށް ގާޒީކަން އެންމެ ފުރަތަމަ ލިބިވަޑައިގެންނެވީ 2007 ވަނަ އަހަރު، ރައީށް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޒީންނަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދާއި، ފެމިލީ ކޯޓުގެ ކުރީގެ ގާޒީ ހުޒައިފާ މުހައްމަދެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ މުޅި ދުނިޔެއިންވެސް ވަނީ ރާއްޖޭގެ ކުރިއެރުމުގެ ވިސްނުމާއި، އަންހެނުން ބާރުވެރިކުރުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައި ކަމަށެވެ. އަދި އަންހެނުން ދައުލަތުގެ އިސް މަގާމުތައް ފުރުމަކީ އިސްލާމްދީނާއި، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުންވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށާއި، ދިވެހި އަންހެނުން އެމީހުންގެ ގާބިލިއްޔަތުކަން ދައްކާފައިވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ޑރ. މަޖީދު ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން، އެ ޖަލްސާގައި އިންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުވެސް މިއަދު ވަނީ، އަންހެނުން ގާޒީކަން ކުރުމާއި ސިޔާސީ މަގާމުތައް ފުރުމަށް ދީނީ ހުރަހެއް ނެތްކަމަށް ވިދާޅުވެ، ޓްވީޓު ކުރައްވައިފައެވެ.

"މަނިކުފާނަށް ވަރަށް އިހުތިރާމާ އެކު ދަންނަވަން، އަންހެނުންނަށް ސިޔާސީ އަދި ޝަރުއީ އިސް މަގާމުތައް އަދާކުރެވޭނެކަމުގެ ވަރަށް ވަރުގަދަ ހެކިތައް އިސްލާމީ ޝަރީޢަތުގައި އެބަހުރި،" މައުމޫންގެ ޓްވީޓުގައި ވިދާޅުވިއެވެ.