ލަންޑަން (ޖުލައި 31): ދެހާސްތިން ވަނަ އަހަރުގެ އިރާގު ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅެން ނެތް ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފި އެވެ.

އިރާގު ހަނގުރާމައިގައި ބްލެއާ ހިއްސާ ކުރެއްވި ރޯލާ ގުޅިގެން އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ހުށަހެޅީ އިރާގުގެ ކުރީގެ ޖެނެރަލެއް ކަަމަށްވާ އަބްދުލް ވާހިދު ޝައްނާން އަލް ރައްބަތް އެވެ. އޭނާ ބުނި ގޮތުގައި އިނގިރޭސިން އިރާގަށް އަރައިގަތުމަކީ އދގެ އެއްބަސްވުންތަކާ ދެކޮޅަށް، ގައުމުގެ އަސްކަރިއްޔާ ބޭނުންކޮށްގެން އުދުވާނީ ހަމަލާއެއް ދިނުމެވެ. އެހެންކަމުން ބްލެއާގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޖެހެ އެވެ.

ނަމަވެސް ހައި ކޯޓުން ނިންމި ގޮތުގައި އެފަދަ ކުށެއް އިނގިރޭސި ގާނޫނުތަކުގައި ބަޔާންކޮށްފައި ނުވެ އެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އެއީ ކުށެއް ކަމަށް ނިންމި ނަމަވެސް އިނގިރޭސިވިލާތުގެ ގާނޫނުތަކުގައި އެގޮތަށް ބަޔާންކޮށްފައި ނުވެ އެވެ.

އަބްދުލް ވާހިދު ބުނި ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަގުސަދަކީ އިރާގު ހަނގުރާމައިގައި ބްލެއާ އެޅި ފިޔަވަޅުތަކަށް އޭނާ ޖަވާބުދާރީ ކުރުވުމެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ކޯލިޝަނަކުން 2003 ވަނަ އަހަރު އިރާގުގައި އޮތް ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލީ އެގައުމުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެ އެވެ.

ނަމަވެސް އެ ހަނގުރާމަ ތަހުގީގު ކުރި އިނގިރޭސި ކޮމިޓީން ނިންމި ގޮތުގައި އެގައުމުގައި އޭރު އޮތް ސަރުކާރުން، މާއަވަސް އަރުވާލައިގެން އިރާގު ހަނގުރާމައިގައި ބައިވެރިވެފައި ވަނީ އިރާގާ ދެކޮޅަށް އެހެން ފިޔަވަޅުތައް އެޅެން އޮއްވަ އެވެ. އަދި އޭރުގެ ބޮޑުވަޒީރު ބްލެއާ ވަނީ ރައީސް ސައްދާމްގެ ނުރައްކާ މާބޮޑު ކަމަށް ދައްކައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް އޮޅުވާލާފަ އެވެ.

އެރިޕޯޓާ ގުޅިގެން ބްލެއާ ވަނީ އިރާގު ހަނގުރާމައިގައި މަރުވި މީހުންގެ އާއިލާތަކުގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އޭރު އޭނާ އަމަލު ކުރެއްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ގަބޫލު ކުރެވުނު ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.