ޒެޑް ޑީއާރްޕީއާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީގެ އިތުރުން މިނިވަން މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވޭ އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހަމަޖައްސައިފި އެވެ.

ޕީއޭ އާއި ޒެޑް ފެކްޝަންގެ މަޖިލިސް މެންބަރުންގެ އިސް ނަގައިގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ނާޒިމް ހަމަޖެއްސެވީ މިރޭ ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި މަޖިލީހުގެ 18 މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ގައުމީ ޕާޓީގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދާއި އޭދަފުށި ދާއިރާގެ މެމްބަރު އަދި ލޭބާ ޕާޓީގެ ލީޑަރު އަހުމަދު ސަލީމް )ރެޑްވޭވް ސަލީމް( ވެސް ބައިވެރިވެވަޑައިގެނެވި އެވެ.

އިދިކޮޅު އިއްތިހާދުގެ މިރޭގެ ބައްދަލުވުމުގައި އެ އިއްތިހާދުގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންނަށް ދެ ބޭފުޅަކު ހަމަޖެއްސެވި އެވެ. އެއީ ރިޔާޒް ރަޝީދާއި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. އެ ގްރޫޕްގެ ހަތް ވިޕުންގެ ގޮތުގައި ހޮއްވެވީ މާވަށު ދާއިރާގެ ޕީއޭ މެމްބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި މިނިވަންމެންބަރެއް ކަމުގައިވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އާއި ޒެޑް ފެކްޝަންގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މުހައްމަދު ރަފީގު ހަސަން އާއި ވިލިމާފަންނު ދާއިރާގެ ނިހާން ހަސަން މަނިކާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދެވެ.

އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންއަކަށް ހަމަޖައްސާފައި ވަނީ ޒެޑް ފެކްޝަންގެ ވެސް އެ މަގާމު ފުރުއްވަމުންގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށެވެ. އަދި ފޮރިން ރިލޭޝަންސް އަށް ކިނބިދޫ ދާއިރާގެ ޕީއޭ މެމްބަރު މޫސާ ޒަމީރު އާއި ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ހަމަޖައްސާފައިވާއިރު، ގަވަމަންޓް ވޮޗްގެ މަގާމު ދެއްވާފައި ވަނީ ޒެޑް ފެކްޝަންގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން ހަމީދަށެވެ.