ކުުށްވެރިންނާއި ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ 150 މީހުންގެ ރައްޔިތުކަން އިނގިރޭސިވިލާތުން ބާތިލްކުރި ކަމަށް ސަންޑޭ ރިޕޯޓްސްއިން ނެރުނު ރިޕޯޓެއް ބުނެފިއެވެ. އެމީހުންގެ ރައްޔިތުކަން ބާތިލް ކޮށްފައި ވަނީ އައިއެސް ޖަމާއަތް ނެތިގެންދިޔުމަށް ފަހު އެހަނގުރާމައިގައި ބައިވެރިވި އިނގިރޭސިވިލާތުގެ މީހުން އަނބުރާ ގައުމަށް އަތުވެދާނެ ކަމުގެ ބިރަށް ކަމަށް އެރިޕޯޓްގައި ބުންޏެވެ.

ރައްްޔިތުކަން ބާތިލްކުރި މީހުންގެ ތެރެއިން 30 މީހުންގެ ރައްްޔިތުކަން ބާތިލްކުރުމުގެ އަމުރުތައް ނެރެފައިވަނީ މިދިޔަ މާޗްމަހުއެވެ. އެއީ ސީރިއާ އަދި އިރާގުގައި އައިއެސް ޖަމާއަތުގެ ބާރު ވަރަށް ބޮޑަށް ދަށްވާން ފެށި ދުވަސްވަރުވެސް މެއެވެ.

ރައްްޔިތުކަން ބާތިލްކުރި މީހުންގެ ތެރޭގައި އިރާގު އަދި ސީރިޔާއަށް ދިޔަ މީހުންގެ އަނބިންވެސް ހިމެނެއެވެ.

އޮފިޝަލުން ބުނީ، ބާތިލުކުރަމުން ދަނީ އެހެން ގައުމެއްގެވެސް ރައްޔިތުކަން އޮންނަ އިނގިރޭސި ރައްޔިތުންގެ ރައްޔިތުކަން ކަމަށެވެ. ސަބަބަކީ، މީހަކު އެއްވެސް ދައުލަތަކަށް ނިސްބަތް ނުވާ ހާލަތެއްގައި ބެހެއްޓުމަކީ ގާނޫނުތައް ތަންދޭ ކަމަކަށް ނުވުމެވެ.

އިނގިރޭސި ވިލާތުން މިދިޔަ ޖެނުއަރީ މަހު ހާމަކުރިގޮތުގައި އެގައުމުގެ 800 އެއްހާ މީހުން ވަނީ ސީރިޔާ އަދި އިރާގު ހަނގުރާމައިގައި ބައިވެރިވުމަށް ޖިހާދަށް ގޮސްފައެވެ.

" ގައުމަށް އެނބުރި އަންނަ މީހުންގެ ތެރޭގައި ވަރަށް ނުރައްކާތެރި މީހުންވެސް ހިމެނޭ. އަހަރުމެން ބޭނުންވަނީ އެމީހުންނާމެދު ދައުވާކުރަން. ނަމަވެސް އެކަން ނުކުރެވޭނަމަ އަހަރުމެންގެ ވިސްނުމަކީ އެމީހުން އަނބުރާ ގައުމަށް އެތެރެވިދިޔަ ނުދިނުން،" ސެކިޔުރިޓީ އޮފިޝަލަކު ބުންޏެވެ.