ރިޔާދު (ޖުލައި 31): ހަރަމްފުޅަކީ ބައިނަލްއަގުވާމީ ތަނަކަށް ހަދަން ގަތަރުން ގޮވާލުމަކީ ސައުދީ އަރަބިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް ސައުދީ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

އަލް އަރަބިޔާ ނޫހާ ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި ގޮތުގައި ހަރަމްފުޅު ފަދަ މުގައްދަސް ތަންތަން ބައިނަލްއަގުވާމީ ތަނަކަށް ހަދަން މަސައްކަތް ކުރާ ކޮންމެ ބަޔަކަށް ރައްދު ދިނުމުގެ ހައްގު ސައުދީ އަށް ލިބިގެންވެ އެވެ.

މީގެ ކުރިން ގަތަރުން ވަނީ ސައުދީ އަރަބިއާ އިން ހައްޖަކީ ސިޔާސީ ކަމަކަށް ހަދަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ރައްޔިތުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީން ހުރަސްއަޅާ ކަމަށް ގަތަރުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެއަށް ރައްދު ދެއްވަމުން ޖުބައިރު ވަނީ ހައްޖަކީ ސިޔާސި ކަމަކަށް ހަދަން މަސައްކަތް ކުރަނީ ގަތަރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ސައުދީން ގަތަރަށް އެ ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޖުބައިރު ވަނީ އެހެން ގައުމުތަކުގެ ރައްޔިތުންނެކޭ އެއްފަދައިން ގަތަރުގެ ރައްޔިތުންނަށް ވެސް ހައްޖަށް ދިޔުމަށް ސައުދީން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ. (އަލް އަރަބިޔާ)