20 Jul 2011, 21:17
ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ސިއްހީ ހިދުމަތް ތަރައްގީކޮށް، އެކަމަކީ ރަށު ކައުންސިލްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ހެދުމަށް ދ. ހުޅުދެލީ ކައުންސިލުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގަތީ މިއަދު ހަވީރު ހުޅުދެއްޔަށް ވަޑައިގެން، އެރަށު ކައުންސިލާ ބައްދަލުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުކުރެއްވުމުގައި ހުޅުދެލި ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމާ ބެހޭ ގޮތުންނާއި ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލް މެންބަރުންނާ މަޝްވަރާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުދެލީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު، އެރަށު އިންޖީނުގެއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވި އެވެ. އަދި އެއަށްފަހު، ހުޅުދެލީ ސްކޫލާއި ހުޅުދެލީ ސިއްހީ މަރްކަޒަށް ވަޑައިގެން، އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ކުރެއްވި އެޒިޔާރަތުގައި، އެރަށު ކުނިކޮށި ސަރަހައްދަށާއި، ރަށް ގިރަމުންދާ ސަރަހައްދަށް ވަޑައިގެން އެތަންތަން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.