31 Jul 2017, 14:11
ސްޓެލްކޯ އިން ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރި މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ސޯލިހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޝުކޫރުގެ އިތުރުން ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 އެމެރިކާ ޑޮލަރު ގަތުމަށް ޓަކައި އެޑްވާންސްކޮށް 3,084,000.00 ރުފިޔާ ސްޓެލްކޯ އިން ޚަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސްނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއްކަމަށް މަނިޓަރީ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެ ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރުމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ހުއްދަދީފައިވާ އިރު، ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ ގަވާއިދުތަކާއި ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުމަކީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުއާމަލާތެއް ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށް ޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެންކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްހަކަން ބެލުމަށް ޓަކައި ސްޓެލްކޯ އިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައިނުވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން، ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައިވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށް ޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރަށް އެނގިފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމައުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށް ޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްހަކަން ބެލުމަށް ޓަކައި އެއްވެސް މަސައްކަތެއް ކުރުމަކާއިނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 ޑޮލަރު ގަތުމަށް ޓަކައި 3,084,000.00 ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމަށް ޝުކޫރު ހުއްދަދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.